އިބްރާހިމް ޒަކީ
ކޯލީޝަނެއްގައި އޮތުމުން، އެމްޑީޕީގެ ބައެއް ބޭފުޅުން، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދިފާއު ނުކުރިއަސް ސަރުކާރު އޮތީ ގަދަކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލުގެ ބަހުސްގައި އެ ބިލުގައިވާ ބައެއް ކަންތައްތަކަށާއި، ސަރުކާރަށް ފާޑުވިދާޅުވެ އެމްޑީޕީގެ ބައެއްް މެންބަރުން ވާހަކަ ދައްކަވާފައި ވާތީ، ބަހުސްގެ ތެރެއިން އެފަރާތްތަކަށް ރައްދު ދެއްވަމުން ގަޕޯ ވިދާޅުވީ، ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ އަގު ހެޔޮކޮށް، އެ ހިދުމަތްތައް ރަނގަޅު ކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލަކީ، ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސަނީފް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ މިބިލުގެ ބަހުސްގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މި ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ. އެކަމުގެ ސަބަބުން އެ މެންބަރުންނަށް ރައްދު ދެއްވުމަށް އެމްޑީޕީގެ އެހެން ބައެއް މެންބަރުން ނިޒާމީ މައްސަލަ ވެސް ނެންގެވިއެވެ.
މި ބިލް ފާހަގަވެގެން ދިޔައި އެމްޑީޕީގެ މެންބަރުންގެ މެދުގައި އެހެންޏާ ނުއުފެދޭ ވަރުގެ ހިޔާލު ތަފާތުވުން އުފެދުނު ބިލެއްގެ ގޮތުގަ އެވެ.