ޒުވާނުންގެ ދުވަސް

ޒުވާނުންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބާއްވަން ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި

އަލީ ޔާމިން

މިއަހަރުގެ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، މި އަހަރުގެ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖައްސާފައި ވަނީ 22 އޮކްޓޯބަރު ވާ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި މިއަހަރުގެ ޒުވާނުންގެ އީދު ފާހަގަކުރަން ބޭނުންވަނީ ޒުވާނުންގެ އީދެއްގެ ގޮތުގައި ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.

ޔޫތު މިނިސްޓްރީން ބުނީ، ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ ޒުވާނުން އެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިކުރުން ކަމަށާއި އެހެންކަމުން މިފަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ގަސްތުކޮށްފައި ވަނީ އަތޮޅުތެރޭގައި ކަމަށެވެ.

މި ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް 10 މާޗު 2020 ވާ އަންގާރަ ދުވަހުގެ 11:00 އަށް މާފަންނު އިޖުތިމާއީ މަރުކަޒު (ސޯޝަލް ސެންޓަރަށް ގޮސް މައުލޫމާތު ސާފުކުރުން އެދޭ ކަމުގައި މިނިސްޓްރީން ބުނެއެވެ.

އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ރަށެއްގައި މިއަހަރުގެ ގައުމީ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކާއި، ރަސްމީ ޖަލްސާ ބާއްވާނެ ކަމުގައިވެސް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މާފަންނު އިޖުތިމާއީ މަރުކަޒު (ސޯޝަލް ސެންޓަރު)ގެ ކައުންޓަރަށް ހުށަހެޅުން އެދޭ ކަމަށާއި، އީމެއިލް މެދުރިކޮށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރުން އެދޭ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

ޔޫތު މިނިސްޓްރީން ބުނީ މިއަހަރުގެ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށަހެޅޭނެ އެންމެ ފަހުގެ ތާރީހަކީ 30 އޭޕްރިލް 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ކުރިން ކަމަށެވެ.