އަލީ ޔާމިން
ހދ. ނޮޅިވަރަމްގައި ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
ނޮޅިވަރަމް ކައުންސިލްގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެރަށުން ދިރިއުޅުމަށް 3،000 އަކަފޫޓުގެ 75 ބަންޑާރަ ގޯތި ދޫކުރުމަށް ކުރި އިއުލާން (ނަމްބަރު: (IUL)264/PRIV/2019/7) އަށް ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ލިސްޓް އަލުން ރިވިއު ކުރުމަށްފަހު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް އިއުލާންކުރާ ކަމަށެވެ.
ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ، 2019 ވަނަ އަހަރު ގޯއްޗަށް އެދި ހުށަހަޅަން ކުރި އިއުލާނާއެކު އާންމުކޮށްފައިވާ "ހދ. ނޮޅިވަރަމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގެ އުސޫލު" ގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ކަމުގައި އެ އިއުލާނުގައި ވެއެވެ.
މީގެ އިތުރުން ޕޮއިންޓް ލިބިފައިވާ ގޮތާމެދު، އިތުރަށް ކަމެއް ސާފުކުރަން ނުވަތަ ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ލިޔުމުން ސިޓީއުރައެއްގައި (ސިޓީއުރައިގެ ބޭރުގައި "ހދ. ނޮޅިވަރަމުން ދިރިއުޅުމަށް ދޫކުރާ ގޯތިތަކުގެ ފޯމުތަކާއިގުޅޭ") ޖެހުމަށްފަހު ނޮޅިވަރަމް ކައުންސިލު އިދާރާއަށް، 27 ފެބުރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުމަށް އެދޭކަމުގައިވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ނޮޅިވަރަމް ކައުންސިލުން ބުނީ ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް އިއުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މައުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަން ޖެހޭ އުނިއިތުރެއް ވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައި ކަމަށެވެ.