މާލޭ ރަސްފަންނު ކައިރީގައި ހަދާފައިވާ ދާރުލް އީމާން އިމާރާތުގެ ބައިތަކެއް ކުއްޔަށް ނަގައިގެން އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުން އިސްލާމިކް މިނިސްޓްރީއަށް ދައްކަން ޖެހޭ ފައިސާ ބަރާބަރަށް މިހާރު ދައްކަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުން، ދާރުލް އީމާން އިމާރާތުގެ ހަ ބުރިއެއް ފަސް އަހަރު ދުވަހަށް އައިލެންޑް އޭވިއޭޝަނަށް ކުއްޔަށް ދިނުމަށް 16 ނޮވެމްބަރު 2016 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއާއެކު އެކުންފުނިން ވަނީ ސޮއިކޮށްފައެވެ.
ސޮއިކުރި އެއްބަސްވުމުގައި ބުނެފައިވަނީ ކުއްޔަށް ހިފާ ފަންގިފިލާތަކަށް ކުލީގެ ގޮތުގައި ޖުމުލަ އަށް މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށާއި އޭގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ތިން ދުވަސް ތެރޭގައި މިނިސްޓްރީގެ މިސްކިތު ފަންޑަށް ހަ މިލިއަން ރުފިޔާ ޖަމާކުރަން ވާނެ ކަމަށެވެ. އަދި ބާކީ ދެ މިލިއަން ރުފިޔާ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން އެއް މަސް ދުވަސް ތެރޭގައި އެ ފަންޑަށް ޖަމާކުރަން ވާނެ ކަމަށް އެއްބަސްވުމުގައި ބުނެފައި ވެއެވެ.
ނަމަވެސް ސޮއިކުރާ ތާރީހުން ފެށިގެން ތިން ދުވަސް ތެރޭގައި ދައްކަން ޖެހޭ ހަ މިލިއަން ރުފިޔާ އައިލެންޑް އޭވިއޭޝަނުން ދައްކާފައިވަނީ އެ މުއްދަތު ފާއިތުވެ ދިގު މުއްދަތެއް ހޭދަވިފަހުން ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ. އެގޮތުން ސޮއިކުރާ ތާރީހުން ފެށިގެން ތިން ދުވަސް ތެރޭގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން ދެ މިލިއަން ރުފިޔާ ދައްކާފައިވަނީ 17 މަސް ފަހުން، 3 އޭޕްރުލް 2018 ވަނަ ދުވަހު ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.
އޭގެ އިތުރުން އައިލެންޑް އޭވިއޭޝަނުން ކުލީގެ ގޮތުގައި އިސްލާމިކް މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ޖުމުލަ ހަ މިލިއަން ރުފިޔާ 2018 ވަނަ އަހަރުގެ ނިޔަލަށް ދައްކާފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
އޮޑިޓް ރިޕޯޓްގައި ބުނީ އައިލެންޑް އޭވިއޭޝަނުން އެ ފައިސާ ހޯދުމުގެ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން މަސައްކަތް ކޮށްފައި ނުވާ ކަމަށާއި އަދި އެ ފައިސާ ނުލިބި ދިގު މުއްދަތެއް ފާއިތުވެގެން ދިޔައިރު ވެސް އެއްބަސްވުން އުވާލުމުގެ އެއްވެސް މަސައްކަތެއް ވެސް ކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނުން އިސްލާމިކް މިނިސްޓްރީއަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ދެ ފަރާތުން މަޝްވަރާކޮށް، 2019 އިން ފެށިގެން ހަ މަސް ދުވަހަށް ބަހާލައިގެން ކޮންމެ މަހަކު އެއް މިލިއަން ރުފިޔާ މިނިސްޓްރީއަށް ދެއްކުމަށް އެއްބަސްވެފައިވާ ކަމަށާއި އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު، އޮކްޓޯބަރު އަދި ނޮވެމްބަރަށް ވާ ތިން މިލިއަން ރުފިޔާ އެއްބަސްވެފައިވާ ގޮތަށް އައިލެންޑް އޭވިއޭޝަނުން ދައްކާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ.
އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވެސް ބުނީ، އައިލެންޑް އޭވިއޭޝަންގެ އާ މެނޭޖްމަންޓުން މިނިސްޓްރީއާއެކު ވާހަކަ ދައްކައިގެން އެއްބަސްވެފައިވާ ގޮތަށް ބަރާބަރަށް އެ ފައިސާ މިހާރު ދައްކަމުން އަންނަ ކަމަށެވެ.
އެގޮތުން މިހާރު ނުދެއްކި ވަނީ މި މަހު ދައްކަންޖެހޭ އެއް މިލިއަން ރުފިޔާ އެކަނި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.