ޚަބަރު

އިމްރާން، ސަރުކާރާ ދެކޮޅަށް ތެދުވަން އުޅޭކަމަށް ކުރީގެ ސީޕީ މުނާޒު ތުހުމަތު ކުރައްވައިފި

އައިދާ އަބްދުލް ހަކީމް

މިހާރު އޮތް ސަރުކާރާ ދެކޮޅަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނުކުންނަން ރާވަމުންދާ ކަމަށް ކަރެކްޝަނަލް ސާވިސްގެ ކުރީގެ ކޮމިޝަނަރު އަބްދުﷲ މުނާޒް ތުހުމަތު ކުރައްވައިފިއެވެ.

މުނާޒު އެފަދަ ތުހުމަތުތަކެއް ކުރެއްވީ އިމްރާނާއި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މާފުށީ ޖަލަށް މިއަދު ކުރެއްވި ޒިޔާރަތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލު ކުރެއްވުމުންނެވެ.

ނަމަވެސް ހޯމް މިނިސްޓްރީން ބުނީ، އެ ބައްދަލުވުމަކީ ރައީސް ޔާމީނާމެދު އަމަލު ކުރެވޭ ގޮތާއި އެމަނިކުފާނުގެ ސިއްހީ ހާލަތު ސާފުކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

މުނާޒް ވިދާޅުވީ ދެން ފެންނާނީ ގައުމަށްޓަކާ ދީނަށްޓަކައި ހާމަކަން ބޮޑުކޮށް ސަރުކާރުގައި ތިބެގެން އަމަލީ މަސައްކަތް ފަށާތަން ކަމަށާއި އެމްޑީޕީން ހޭލަން ވެއްޖެ ކަމަށެވެ.

"މަޑުމަޑުން ތިލަވޭ، ދެން ފެންނާނީ އަދީބުގެ ބޮލަށް ހުރިހާ ކަމެއް ޖެހުމަށްފަހު ގައުމަށްޓަކައި ދީނަށްޓަކައި ހާމަކަން ބޮޑުކޮށް ސަރުކާރުގައި ތިބެގެން އަމަލީ މަސައްކަތް ފަށާތަން،" މުނާޒުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޑިސެމްބަރު 25، 2018 ގައި ސީޕީ ކަމަށް އައްޔަންކުރެއްވި މުނާޒު، ކަރެކްޝަންސްގެ ވެރިޔާގެ މަގާމުގައި ހުންނެވި ދުވަސްވަރު ޖަލުތަކުގެ ގިނަ މައްސަލަތަކެއް ފެންމަތިވެ ޖަލުތަކުގެ ހާލަތު ގޯސްވެ، މަޖިލީހުގެ ސަމާލު ކަމަށް ވެސް އައިސްފައިވެއެވެ. އަދި އެމައްސަލަތަކާއި ގުޅިގެން މިދިޔަ މަހުގެ 21 ވަނަ ދުވަހު ސީޕީ ކަމުގެ މަގާމުން މުނާޒު ވަކިކުރެއްވިއެވެ.

މަގާމުން ވަކިކުރެއްވި ދުވަހު މުނާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާ ކަރެކްޝަންސްގައި ހުއްޓާ ޖަލު "ހިލުވާލަން" ކޯލިޝަންގެ އެތެރެއިންނާއި ބޭރުން ކުޅިގަނޑެއް ކުޅުނު ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރީ އެކުޅިގަނޑު ކާމިޔާބު ނުވުމުން ކަމަށް ވިދާޅުވެފައިވެއެވެ.

އޭގެ ފަހުން މުނާޒު ގެންދަވަނީ އިމްރާނަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކާއި ތުހުމަތުތަކެއް ކުރައްވަމުންނެވެ. ނަމަވެސް އެ ތުހުމަތުތައް އިމްރާން ގެންދަވަނީ ދޮގު ކުރައްވަމުންނެވެ.