ޚަބަރު

ނަމޫނާ ދައްކަންވީ ބޭފުޅުން ހުތުރުކޮށް އުޅުއްވުމުން މުޅި ޖީލަށް އެކަމުގެ އަސަރުފޯރާނެ: ޑރ. ޖަމީލު

އައިދާ އަބްދުލް ހަކީމް

ނަމޫނާ ދައްކަންވީ ބޭފުޅުން ހުތުރުކޮށް އުޅުއްވުމުން މުޅި ޖީލަށް އެކަމުގެ އަސަރު ފޯރާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު އެހެން ވިދާޅުވީ، އެމްޑީޕީން މިދިޔަ ހުކުރު ދުވަހު ބޭއްވި ޖަލްސާގައި ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ފާޑުވިދާޅުވެ ފ. ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުއްﷲ ހަލީލް ކުރެއްވި ޓުވީޓެއް ރީޓުވީޓް ކުރައްވަމުންނެވެ.

ޖަމީލް ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕުން މިހާތަނަށް ރައްޔިތުންނަށް އުފާވެރިކަމެއް ގެނެސްދީފައި ނުވާ ކަމަށާއި މުޅިން ވެސް އެމްޑީޕީން ރައްޔިތުންނަށް ގެނެސްދީފައިވަނީ ފިތުނަވެރި ހުތުރު ކަންތައްތަކެއް ކަމަށެވެ.

"މިހާތަނަށް އެމްޑީޕީގެ ލީޑާޝިޕުން އުފާވެރިކަމެއް ރައްޔިތުންނަކަށް ގެނެސްނުދޭ. މުޅިންވެސް ފިތުނަވެރި ހުތުރުކަންތައް،" ޑރ. ޖަމީލުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގެ ވީޑިއޯއަކާއެކު ޑރ. ހަލީލް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސްކަން ކުރެއްވި އަދި ވެރިކަމުގެ ޝާނާޝައުކަތު ބޭނުންވެގެން ރޭނިދި ނާންނަ ބޭފުޅެއްގެ އަހްލާގީ ފެންވަރަކީ އެއީނަމަ, ރައްޔިޔުންގެ އަހްލާގު ބެހެއްޓުމަށް އެދޭނީ ވަރަށް ދަށު ދަރަޖައިގައި ކަމަށެވެ.