ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އަލިފާން ނިއްވުމުގައި ބޭނުންކުރާ ސާމާނު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއާ ހަވާލުކޮށްފިއެވެ.
މިއަދު ހަވީރު ކަޅުކުއްތަކަލާކޮށި، މާލެ ފަޔާ ސްޓޭޝަނުގައި ބޭއްވި ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.
މިއަދު ހަދިޔާކުރި ތަކެތީގެ ތެރޭގައި ފަޔާ ވެހިކަލަކާއި ތިން ބްރީތިން އެޕޭރެޓަސް ސެޓް އަދި އެއް ތާމަލް އިމޭޖިން ކެމެރާ ހިމެނެއެވެ. އެ ތަކެތީގެ އަގަކީ 1.3 މިލިއަން ދިވެހި ރުފިޔާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ، ޖަޕާނުން ހަދިޔާކުރި މި ތަކެއްޗަކީ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ގާބިލުކަން އިތުރުކުރުމަށް އެންޑީއެމްއޭއަށް ޖަޕާން ސަރުކާރުގެ ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ހަދިޔާކުރި ތަކެތި ކަމަށެވެ. މި ޕްރޮޖެކްޓަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެންޑީއެމްއޭ އާއި ޖަޕާން ސަރުކާރާދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ލިބިގެންދިޔަ ތަކެއްޗެވެ.
މިއަދު ބޭއްވި މިރަސްމިއްޔާތުގައި އެންޑީއެމްއޭގެ އިސްބޭފުޅުންނާއި ޖަޕާނު ސަރުކާރުގެ ވަފުދުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.