ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަންނަ މަހު އަތޮޅުތެރެއަށް ދަތުރުތައް ފައްޓަވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީގެ ކެމްޕެއިން ތަރުޖަމާން އަފްޝަން ލަތީފު ވިދާޅުވީ، ދެ ރައީސުން ބައިވެރިވެވަޑައިގަންނަވާ "ރަށްވެހި ފަތިސް" ކެމްޕޭން ހަރަކާތްތަކުގައި އެކި އަތޮޅުތަކުގެ އެކިއެކި ރަށްތަކަށް ދަތުރުފުޅު ކުރައްވާ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއި ބައްދަލުކުރައްވާ އެބޭފުޅުންނާއެކު ދޮރުންދޮރަށް ހިންގަވާ ޖަލްސާތައް ބާއްވަވާ އަދި އެހެނިހެން ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ނަމަވެސް ދެ ރައީސުން އަތޮޅުތެރެއަށް ވަޑައިގަންނަވާނެ ތާރީހެއް އަދި ދަތުރުފުޅުތައް ފައްޓަވާނީ ކޮން އަތޮޅަކުން ކަމެއް އެމްޑީޕީން އަދި ހާމައެއް ނުކުރެއެވެ.
އަފްޝަން ވިދާޅުވީ، “ރަށްވެހި ފަތިސް” ކެމްޕެއިންގެ މުހިންމު ކަމެއްގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ދޮރުންދޮރަށް ހިނގުމުގެ ހަރަކާތްތައް ފެށިގެންދާނެ ކަމާއި އެހަރަކާތުގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކުން ބައިވެރިވާނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިންގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އެޕާޓީން އިންތިހާބުގެ ކެމްޕެއިނަށް ބޭނުންކުރާނެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް މުޅި ރާއްޖޭގައި ކުރިއަށް ގެންގޮސްފައެވެ.
އެ ހަރަކާތުގައި ވެސް ރައީސް ސޯލިހާއި ރައީސް ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.