ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ދިރިއުޅޭ މަރުކަޒުތަކުގެ ނަމުގައި އެހީ ހޯދާތީ ސަމާލުވާން އެދެފި

މަރިޔަމް ޝަހުދާ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ދިރިއުޅޭ މަރުކަޒުތަކުގެ ނަމުގައި މިނިސްޓްރީން އެހީ ނުހޯދާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ދިރިއުޅޭ މަރުކަޒުތަކުގެ ނަމުގައި އެކި ފަރާތްތަކުން އެކި ބާވަތުގެ އެހީ ހޯދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން ފޯން ކޯލު، އެސްއެމްއެސް ނުވަތަ އީމެއިންގެ ޒަރިއްޔާއިން ނަމަވެސް މިނިސްޓްރީގެ ނަމުގައި އެފަދަ ހަރަކާތެއް ހިންގާ ކަމުގެ މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް މިނިސްޓްރީގެ ނަންބަރު 3013017 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި، އެކަން އެންގުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ދިރިއުޅޭ މަރުކަޒުތަކަށާއި އެ މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އެއްވެސް ބާވަތެއްގެ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާނަމަ މިނިސްޓްރީއާ ގުޅިގެން އެކަންކަން ކުރިއަށް ގެންދެވޭނެއެވެ.

އެގޮތުން މިނިސްޓްރީގެ ނަންބަރަށް ގުޅައިގެން ނުވަތަ އެކަމަށް ހާއްސަކޮށްފައިވާ ވަކި ފޯމެއް ފުރައިގެން އެ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.