ޚަބަރު

ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް 75 ނުކުތާއެއް ހުށަހަޅައިފި

އަލީ ޔާމިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފީ ޝަރީއަތުގެ އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް 75 ނުކުތާއެއް މިއަދު ހުށަހަޅައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ހުކުމެއް އިއްވުމުން، އެމަނިކުފާނުގެ ފަރާތުން ވަނީ އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފައެވެ. އަދި ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކޮށްދިނުމަށާއި، އެމަނިކުފާނުގެ އުނަގަނޑަށް ދިމާވެފައިވާ މައްސަލަ އާއި ހިތުގެ މައްސަލައަށް ރާއްޖޭން ފަރުވާ ލިބެން ނެތުމުން، ރާއްޖޭން ބޭރުން ބޭސް ފަރުވާ ހޯދުމަށްޓަކައި، ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށް ދެއްވުމަށް ހުށަހެޅުއްވިއެވެ. ނަމަވެސް މީގެ ކުރިން ހައިކޯޓުން ވަނީ އެކަންކަން ނިންމައި ދެވެން ނެތްކަމަށް އަންގައިފައެވެ.

ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ކަންތައްތަކުގެ ތެރެއިން އެ ނިންމުން ރިވިއުކޮށްދިނުމަށް އެދި ވަނީ ހުށަހަޅުއްވައިފައެވެ. ނަމަވެސް ހައި ކޯޓުން މިއަދު ބުނީ އެ މައްސަލަ ރިވިއު ކުރަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން، ހައިކޯޓަށް މިއަދު ހުށަހެޅި، އިސްތިއުނާފީ އިތުރު ނުކުތާތަކުގައި ބޮޑަށް އަލިއަޅުވާލައިފައިވަނީ އެމަނިކުފާނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އަބްދުލްގަފޫރާއި، އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުގައި އޭރު ހުންނެވި، ޢަބްދުﷲ ޒިޔަތު ދީފައިވާ ހެކިބަސް ކޯޓަށް ބަަލައިގަނެ، އެ ހެކިބަހަށް ބާރު ދީފައިވާތީ، އެކަމާ ގުޅޭގޮތުންނެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ފާހަގަކުރެއްވި ނުކުތާތަކުގައި ވަނީ އަދީބާއި ޒިޔަތަކީވެސް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ސާބިތުވެ، ޖަލަށް ލާން ހުކުމްކުރި މީހުންކަމުން ޝަރީއަތުގެ މަޖިލީހުގައި ފާސިގަކު ދޭ ހެކިބަހަކީ، ބަލައިގަނެވޭނެ ހެކިބަހެއް ނޫންކަން ކަމަށެވެ. އަދި ދައުވާއިން ބަރީއަވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ރައީސް ޔާމީނަށް ލިބިފައި ނުވާ ކަމަށާއި ދިފާއުން ހުށަހެޅި ކިތާބީ ހެކިތަކަށްވެސް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.

މީގެ އިތުރުންވެސް ގިނަ ނުކުތާތަކެއް، ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ކަނޑައެޅުމުގައި، ދައުލަތުންވެސް ބުރަވެފައިވަނީ، އެ މައްސަލައާއި ގުޅިގެން ދެވެން އޮތް އެންމެ ލުއި އަދަބެއް ދިނުން ކަމަށްވީ ހިނދު، ފައިސާގެ އަދަދު ކަނޑައެޅުމުގައި ކަނޑައަޅާފައިވަނީ އެ މައްސަލައާ ގުޅިގެން ދެވެން އޮތް އެންމެ މަތީ އަދަދުކަން ވަނީ ފާހަގަކޮށްފައެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގެ ވަގުތު ހަމަވީއިރު އިސްތިއުނާފު ކުރާ ފަރާތަށް، އެކަމުގެ ތަފްސީލް އިއްވިފައިވަނީ މަދު މިންވަރެކެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުއެވެ.