ޚަބަރު

ހައްޖަށް މީހުން ގެންދިއުމަށް 15 ކުންފުންޏަކުން ބިޑު ހުށައަޅައިފި

އަހުމަދު އައުފް އަބްދުލް ސަމަދު

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ބިޑު ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 15 ކުންފުންޏަކުން ބިޑް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މި ފަރާތްތަކުން ހުށައަޅާފައިވާ ބިޑް ޕްރޮޕޯސަލްތަކަށް ބެލުމަށްފަހު ހައްޖަށް މީހުން ގެންދިޔުމުގެ ފުރުސަތު ދޭނީ ހަތަރު ކުންފުންޏަކަށެވެ.

ޕްރޮޕޯސަލް ހުށަހެޅެނީ ހައްޖަށް މީހުން ގެންދިއުމާގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. އެ ޝަރުތުތަކުގެ ތެރޭގައި އެ ކުންފުންޏަަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ، 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުމާއި ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި މީހުން ހައްޖަށް ގެންދިއުން ހިމެނިފައިވުން ހިމެނެއެވެ.

ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށް ބިޑު ހުށަހެޅި ފަރާތްތަކާއި އެ ފަރާތްތަކުން ހުށަހެޅި އަގުތައް:

  • 1. މުސާފިރީން ޕްރައިވެޓް ލިމިޓެޑް: 69،000 ރުފިޔާ
  • 2. ސިސިލްފަރު ހައްޖު އެންޑް އުމްރާ: 69،965 ރުފިޔާ
  • 3. އަރަފާތް ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް: 70،000 ރުފިޔާ
  • 4. ޒަމްޒަމްއެޗް އެންޑް ޔޫޓްރެވަލް: 71،000 ރުފިޔާ
  • 5. އަސްކޮއި ޓްރެވަލް ސާރވިސް: 71،925 ރުފިޔާ
  • 6. އަަލް މަޝްޢަރު ހައްޖު އެންޑް އުމްރާ: 72،990 ރުފިޔާ
  • 7. އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް: 75،108 ރުފިޔާ
  • 8. ގިބްލަ ހައްޖު އެންޑް އުމްރާ: 79،999 ރުފިޔާ
  • 9. އަލް ޢައިން ޓްރެވަލް އެންޑް ޓުއާރސް: 80،000 ރުފިޔާ
  • 10. ތަވައްކުލް ޕްރައިވެޓް ލިމިޓެޑް: 84،964 ރުފިޔާ
  • 11. މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް: 89،965 ރުފިޔާ
  • 12. އޭކްރޯ ޕްރައިވެޓް ލިމިޓެޑް: 90،000 ރުފިޔާ
  • 13. ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް: 92،320 ރުފިޔާ
  • 14. ޒައީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް: 95،000 ރުފިޔާ
  • 15. ދަރުމަ ލިލް ހައްޖި ވަލް އުމުރަތި ޕްރައިވެޓް ލިމިޓެޑް: 118،020 ރުފިޔާ

މި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރާނީ ހައްޖަށް މީހުން ގެންދިއުމާގުޅޭ އުސޫލުގެ ދަށުން އިސްލާމިކް މިނިސްޓްރީން އެކުލަވާލާ ކޮމެޓީއަކުންނެވެ. ޕްރޮޕޯސަލްތަކަށް ބެލުމަށްފަހު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ އެ ކުންފުނިތަކަށް ދޫކުރާނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަައެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ.