ޚަބަރު

ޖަޕާނަކީ ދިވެހިންގެ ހުރިހާ ކަމެއްގައި އެއްބާރުލުންދޭ އެކުވެރިޔެއް: މިނިސްޓަރު މާރިޔާ

އަލީ ޔާމިން

ޖަޕާނަކީ ދިވެހިރާއްޖެއިން ބޭނުންވާ ކޮންމެ ކަމެއްގައި އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ އެއް ގައުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖަޕާނާއި ރާއްޖޭގެ އެކުވެރިކަމަށް 53 އަހަރު ފުރުން ފާހަގަކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ޖަޕާނަކީ ރާއްޖޭގެ ދެގޮތެއް ނުވާ އެކުވެރިޔެއް ކަމަށެވެ.

"ޖަޕާނަކީ ރާއްޖޭގެ ގާތް އެކުވެރިޔެއް. އެގައުމަކީ ރާއްޖޭގެ ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް. ޖަޕާނުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަނީ އާރޯކަމެއް ލިބިފައި." މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެއާ ޖަޕާނާ އޮންނަ ގުޅުން ވަރުގަދަވެފައިވާ ކަމަށާއި އުއްމަކީ ދެގައުމުގެ ގުޅުން މުސްތަގުބަލުގައިވެސް ދެގޮތެއް ނުވެ ދެމި އޮތުން ކަމަށެވެ.