ޚަބަރު

މިލަންދުއާއި ގެމަނަފުށީގައި ފެނަކައިގެ އޮފިސް އިމާރާތް ހެދުމަށް ބަޔަކާ ހަވާލުކޮށްފި

އަލީ ޔާމިން

ށ. މިލަންދުއާއި ގއ. ގެމަނަފުށީގައި އަލަށް އިމާރާތްކުރާ ފެނަކައިގެ އޮފިސް އިމާރާތް ހެދުމަށް ބަޔަކާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިލަންދޫގައި ހަދާ ފެނަކައިގެ އޮފިސް އިމާރާތް ހަވާލުކޮށްފައިވަނީ، ވެހިކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑާއެވެ. ގެމަނަފުށީގައި ހަދާ ފެނަކައިގެ އޮފިސް އިމާރާތް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެކަމުގެ އެއްބަސްވުމުގައި އެ ދެކުންފުންޏާ އެކު ފެނަކައިން ވަނީ ސޮއިކޮށްފައެވެ. މި ދެ އެއްބަސްވުމުގައި ވެސް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދު މުހައްމަދެވެ. ވެހިކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ރަޝީދެވެ. އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީން މުހައްމަދެވެ.

މިލަންދޫގައި ފެނަކަ އޮފިސް އިމާރާތެއް ހެދުމަށް ވެހިކޮން އާ ހަވާލުކޮށްފައިވަނީ 305 ދުވަސް ތެރޭގައި މަސައްކަތް ނިންމައި ފެނަކައާ ހަވާލު ކުރާ ގޮތަށެވެ. އަދި ގެމަނަފުށީގައި ފެނަކަ އޮފިސް އިމާރާތް ހެދުމަށް އަފާމީއާ ހަވާލުކޮށްފައިވަނީ 120 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މިލަންދޫގެ އޮފިސް އިމާރާތް 9.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާއިރު، ގެމަނަފުށީގެ އިމާރާތް ހަދަނީ 1.9 މިލިއަން ރުފިޔާ ހަރަދުކޮށްގެނެވެ.