ޅ. ކުރެއްދޫ ރިސޯޓަށް ޖައްސަން އުޅުނު ޓީއެމްއޭގެ ސީޕްލޭނެއްގެ ބުރަފަތި ނެއްޓައިގެން ހިނގައްޖެ އެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެމުން ޓީއެމްއޭގެ ޑެޕިއުޓީ މެނޭޖަރު، ބިޒްނަސް ޑިވެލޮޕްމަންޓް ޝާހިދު އިބްރާހީމް ވިދާޅުވީ ރިސޯޓެއްގައި ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ. އަދި އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާދިސާގެ އިތުރު ތަފްސީލެއް ޝާހިދު ނުދެއްވި އެވެ.
ވަން އަށް އެނގިފައިވާ ގޮތުގައި، މި ބޯޓު ކުރެއްދޫއަށް ދަތުރުކުރި އިރު އޭގައި ޓޫރިސްޓުން ވެސް ތިއްބެވެ.
މިކަމާ ގުޅޭ ގޮތުން ޓީއެމްއޭއިން ވެސް އަދި ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން ވެސް އެއްވެސް މައުލޫމާތެއް އަދި އާންމުކޮށްފައެއް ނުވެއެވެ.