''މަވެސް ޖަހައިފިން"ގެ ނަމުގައި މާލޭގައި މީސަލްސް ވެކްސިން ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
މި ކެމްޕެއިން މިއަދު އިފްތިތާހުކޮށްދެއްވީ އަމީނިއްޔާ ސްކޫލުގައި އެކަމަށް ހާއްސަކޮށްގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ''މަވެސް ޖަހައިފިން'' ކެމްޕެއިން ލޯންޗު ކުރުމުގެ ގޮތުން ވެކްސިން ޑޯޒު ހަމަކުރައްވާފައިވާ ބައެއް ފަރާތްތަކަށް ވެކްސިން ކާޑު ހަވާލުކޮށްދެއްވާފައި ވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނި ގޮތުގައި ''މަވެސް ޖަހައިފިން'' ކެމްޕެއިނަކީ މިއަހަރު މާލޭ ސަރަހައްދުން މީސަލްސް ކޭސްތަކެއް ފެނިގެން އެކަމާ ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. އަދި މި ކެމްޕެއިނުގެ ދަށުން މީސަލްސް ވެކްސިންގެ ދެ ޑޯޒު ހަމަ ނުވާ ހުރިހާ ފަރާތްތަކަށް ވެކްސިން ދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއަދު މި ކެމްޕެއިން ފަށާފައިވަނީ މާލޭގައެވެ. ނަމަވެސް ކުރިއަށް އޮތްތާގައި މުޅި ރާއްޖޭގައި މި ކެމްޕެއިން ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރު ވިދާޅުވީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން ދަރިވަރުންނަށް ތައުލީމު ދިނުމަކީ އެޑިއުކޭޝަންގެ ޒިންމާއެއް ކަމަށެވެ. އަދި އެ ދަރިވަރުން ދުޅަހެޔޮ ސިއްހަތެއްގައި ތިބެ ސްކޫލު ދައުރު ނިންމުމަށް އެހީތެރިވުމުގެ ގޮތުން ކަމާބެހޭ މުއައްސަސާ ތަކާއި ގުޅިގެން އެޑިއުކޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފާތިމަތު ވިދާޅުވިއެވެ.
''މަވެސް ޖަހައިފިން'' ކެމްޕެއިން ރަސްމީކޮށް މިއަދު އިފްތިތާހު ކުރި ނަމަވެސް މިމަހު 13އިން ފެށިގެން މާލެ ސަރަހައްދުގައި މި ކެމްޕެއިންގެ ދަށުން ވެކްސިން ދޭން ފަށާފައިވާނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިއަދު ރަސްމީކޮށް މި ކެމްޕެއިން ފަށާފައިވަނީ ސްކޫލުތަކުގައި ކަމަށް އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. އެގޮތުން ސްކޫލުތަކުގައި ތިބި ވެކްސިން ދެ ޑޯޒު ހަމަނުވާ ދަރިވަރުން އަދި ވެކްސިން ދެ ޑޯޒު ހަމަނުވާ މުދައްރިސުންނާއި މުވައްޒަފުންނަށް މި ކެމްޕެއިންގެ ދަށުން ވެކްސިން ދޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި މިމަހު 13ގައި މި ކެމްޕެއިން ނުރަސްމީކޮށް ފެށިއިރު ވެކްސިން ދޭން ފެށި ހަތަރު ސަރަހައްދުން އަދިވެސް އާންމުންނަށާއި ބިދޭސީންނަށް ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ތިންމަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ވެކްސިން ޕްރޮގްރާމް މާލެ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މާލޭގައި ދަމަނަވެއްޓާއި ސޯޝަލް ސެންޓަރު، ހުޅުމާލޭގައި ހުޅުމާލެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް (ދެވަނަ ފަންގި ފިލާ، ރެޑްވޭވް މެގަމޯލް ކުރިމަތި) އަދި ވިލިމާލެ ގައި ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައެވެ.