ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމަކަށް ހާރިޖީ ވަޒީރު ޖެނީވާއަށް ވަޑައިގެންފި

އަހުމަދު އައުފް އަބްދުލް ސަމަދު

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި ލެވެލް ސެގްމެންޓްގައި ބައިވެރިވެވަޑައިގަތުމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޖެނީވާއަށް ވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި، ދިވެހި ސަރުކާރުން ރައްޔިތުންނަށް އިންސާނީ ހައްގުތައް ހޯދައިދިނުމުގައި ހާސިލުކޮށްފައިވާ ކުރިއެރުންތަކާއި، ބައިނަލްއަގްވާމީ ބައެއް މައްސަލަތަކާއިގުޅޭ ގޮތުން މިނިސްޓަރު ޝާހިދު މާދަމާ ތަގުރީރުކުރައްވާނެ އެވެ.

މީގެ އިތުރުން މި ބައްދަލުވުމުގެ ތިން ހަރަކާތެއްގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވާ ކަމަށާއި އެއީ ކޮމަންވެލްތު އޮފް ނޭޝަންސްއާއި، އެލަޔަންސް ފޮ މަލްޓި ލެޓަރަލިޒަމް އަދި ކޮންޓެކްޓް ގްރޫޕް އޮން ކައުންސިލް މެމްބަޝިޕްގެ ފަރާތުން ބާއްވާ ހަރަކާތްތަަކުގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރު ޝާހިދުގެ މި ދަތުރުގައި އދ.ގެ ހައި ކޮމިޝަނަރު ފޮ ހިއުމަން ރައިޓްސް މިސް މިޝެލް ބެޝެލޭއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖައްސާފައެވެ. އަދި ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި ބައެއް ޖަމިއްޔާތަކުގެ ވެރިންނާއި އެކު މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ. މި މަޝްވަރާތަކުގެ ސަބަބުން މިހާރުވެސް ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިރާއްޖެ ގާއިމުކޮށްފައިވާ ގުޅުންތައް އިތުރަށް ބަދަހިވެ، އެ ފަރާތްތަކާ ގުޅިގެން މުސްތަގުބަލުގައި އިންސާނީ ހައްގުތަކުގެ ރޮނގުން އިތުރު މަސައްކަތް ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ސެޝަންގައި އެކައުންސިލުގެ 80 މެންބަރު ގައުމާއި، ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުން ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ އިންސާނީ ހައްގުތަކުގެ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ.

މި ބައްދަލުވުމުގައި ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދު އާއި އެމްބެސެޑަރު އެޓް ލާޖް ޑރ.އާސިމް އަހްމަދުގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.