ޚަބަރު

ކަރަންޓް ހަރަދު ކުޑަކުރުމުގެ ކެމްޕޭނެއް ސްޓެލްކޯއިން އިފްތިތާހުކޮށްފި

އަލީ ޔާމިން

ސްޓޭޓް އިލެކްޓިކް ކޮމްޕެނީ ލިމިޓެޑް(ސްޓެލްކޯ)އިން ކަރަންޓް ހަރަދު ކުޑަކުރުމުގެ ކެމްޕޭނެއް އިފްތިތާހުކޮށްފިއެވެ.

މިއަދު ސްޓެލްކޯއިން ބޭއްވި ރަސްމިއްޔާތެއްގައި އެ ކެމްޕޭން އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު، ހަސަން މުގުނީއެވެ.

ކެމްޕޭން އިފްތިތާހުކޮށްދެއްވައި އެމްޑީ މުގްނީ ވިދާޅުވީ، މާޗް، އޭޕްރީލް އަދި މޭ މަހަކީ ހޫނު ގަދަ މަސްތަކެއް ކަމަށާއި، އެހެންކަމުން އެ ދުވަސްވަރު ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވެގެންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކަރަންޓް ބިލްތަކަށް ބާރު ބޮޑުވާ ކަމަށް މުގުނީ ފާހަގަކުރެއްވި އެވެ.

"ކަސްޓަމަރުންގެ ވަރަށް ބޮޑު ޝަކުވާއެއް އެއީ، އެ ދުވަސްވަރު (ހޫނު މޫސުމުގައި) ކަރަންޓް ބިލްތައް ބޮޑުވާތީ. ނަމަވެސް ދަންނަވާލަން ޖެހޭނީ އެހެން އެކަން މެދުވެރިވަނީ ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓް ބޭނުން ކުރެވޭ މިންވަރު އިތުރުވާތީއޭ" މުގްނީ ވިދާޅުވިއެވެ.

މުގްނީ ވިދާޅުވީ، މިއަދު އިފްތިތާހު ކުރި އެނާޖީ ސޭވިން ކެމްޕޭންގެ އެންމެ ބޮޑު މަގުސަދަކީ ކަރަންޓްގެ ބޭނުން ހެޔޮ ގޮތުގައި ހިފުމާ ބެހޭ ގޮތުން ރައްޔިތުން އަހުލުވެރިކުރުމުން ކަމަށެވެ. އަދި އެކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދަން ރާވާފައިވާ ކަމުގައިވެސް މުގުނީ ވިދާޅުވިއެވެ.

ބޭކާރު ގޮތުގައި ކަރަންޓް ބޭނުން ނުކުރުމަށް މުގުނީ ވަނީ އިލްތިމާސްކުރައްވާފަ އެވެ. އަދި ހޫނު މޫސުމުގައި ކަރަންޓްގެ ހަރަދު ކުޑަ ކުރެވޭނީ ރައްޔިތުންގެ އެއްބާރުލުމާއެކު ކަމަށް މުގުނީ ވިދާޅުވިއެވެ.