ޚަބަރު

އެޗްއާރް މޯލްޑިވްސްގެ އެގްޒެކްޓިވް ފުޓުސަލް ކަޕްގެ މީޑިއާ ޕާޓުނަރަކަށް "ވަން އޮންލައިން"

އަލީ ޔާމިން

އެޗްއާރު މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން އޮފީސް/ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ އެގްޒެކްޓިވް ފުޓުސަލް ކަޕްގެ މީޑިއާ ޕާޓްނަރަކަށް "ވަން އޮންލައިން" ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި "ވަން"ގެ ފަރާތުން ސޮއިކުރެއްވީ "ވަން"ގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާއެވެ. އެޗްއާރް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އައިޝަތު ރުކްޝާނާއެވެ.

އެޗްއާރް މޯލްޑިވަސްގެ އެގްޒެކްޓިވް ފުޓުސަލް ކަޕްގައި ސަރުކާރު އޮފީސް/ކުންފުނިތަކުން 11 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި ބައިވެރިވެފައިވަނީ މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މޯލްޑިވްސް ޕޮލިސް ސާވިސް، އެމްއެންޑީއެފް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވިއަން، އެޗްޑީސީ، އޮޑިޓާ ޖެނަރަލްގެ އޮފީސް، ފިނޭންސް މިނިސްޓްރީގެ އިތުރުން އެސްޓީއޯއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖައްސާފައިވަނީ އެފްއޭއެމްގެ މިނީޓާފް ގްރައުންޑް ތިނެއްގައެވެ. އެޗްއާރު މޯލްޑިވްސް އިން ބުނީ މުބާރާތް ކުރިއަށްދާނީ 29 ވަނަ ދުވަހު ހެނދުނު 7:45 އިން އިރުއޮއްސި 6:30 އާ ހަމައަށެވެ.

މި މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެއް ގްރޫޕުގައި ހަ ޓީމު ހިމެނޭ އިރު، އަނެއް ގްރޫޕުގައި ފަސް ޓީމު ހިމެނޭނެ އެވެ. ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތަކަށް ސެމީ ފައިނަލުން ފުރުސަތު ލިބޭނެއެވެ.

އެޗްއާރު މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން އެގްޒެކްޓިވް ލެވަލްގައި މަސައްކަތް ކުރާ ފަރާތްތަކަށް ބާއްވާ މި މުބާރާތް ހޯސްޓް ކޮށްފައިވަނީ ހިއުމަން ކެޕިޓަލް މެގަޒިންގެ ފަރާތުންނެވެ. އަދި މިއީ މުޅިން އަލަށް ބާއްވާ މުބާރާތެއް ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި މުބާރާތް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެޗްއާރު މޯލްޑިވްސް އިން ބުންޏެވެ.

އެޗްއާރު މޯލްޑިވްސްއިން ބުނީ މުބާރާތުގެ މައިގަނޑު މަގުސަދަކީ އޮފީސް ކުންފުނި ތަކުގެ އެގްޒެކްޓިވް ލެވަލްގެ ބޭފުޅުންނަށް އާންމުކޮށް އެފަދަ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭތީ އާއި އެފަދަ ފަރާތްތަކަށް ހަރަކާތްތެރި މާހައުލެއް ގާއިމު ކުރުމުގެ މަގުސަދުގައި ކަމަށެވެ. އަދި އޮފީސްތަކުގެ އެގްޒެކްޓިވް ލެވަލްގައި މަސައްކަތް ކުރާ ފަރަތްތައް އެއް މާހައުލަކުން ބައްދަލުވެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދިނުން ވެސް ހިމެނޭ ކަމަށް އެޗްއާރު މޯލްޑިވްސްއިން މައުލޫމާތު ދެއެވެ.