ސްކޫލުތަކުން މި ދުވަސްކޮޅު ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުބޭއްވުމަށް ވަކީން ނާންގާ ކަމަށާއި އެކަމަކު އިލްތިމާސްކުރަނީ ހެލްތު ޕްރޮޓަކްޝަން އެޖެންސީ، އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް ސްކޫލުތަކުން އަމަލު ކުރުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ ސްކޫލުތަކަށް ވަކި ހަރަކާތްތައް ނުބޭއްވުމަށް އިރުޝާދުދީ ސާކިއުލާއެއް ފޮނުވާފައި ނުވާނެ ކަމަށެވެ. ނަމަވެސް ސްކޫލުތަކުން ބާއްވާ އެކި ހަރަކާތްތަކާއި ގުޅިގެން އެޑިއުކޭޝަނަށް ގުޅައިފި ނަމަ އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވާ ގޮތުގެ މަތިން އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.
އެގޮތުން ސްކޫލުތަކުން ބާއްވާ ކޭމްޕް އަދި ޖަމްބަރީ ފަދަ އިވެންޓުތައް މިދުވަސްކޮޅު ނުބޭއްވުމަށް އިލްތިމާސް ކުރާކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ. އަދި ކޮންމެ އަހަރަކުވެސް ވަކި އެކްޓިވިޓީ ކަލަންޑަރެއް ހަދައި، އެއަށް އަމަލު ކުރަމުން އަންނައިރު، މިދުވަސްކޮޅަށް އެ ކަލަންޑަރުގައިވާ ކަންކަން ފަސް ކުރެވެން ހުރި ނަމަ ހަރަކާތްތައް ހިންގާ ފަރާތްތަކަށް އެ ހަރަކާތްތައް ފަސް ކުރުމަށް އިލްތިމާސްކުރާނެ ކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.
މީގެ އިތުރުން އެކި ސްކޫލުތަކުން ރާއްޖެއިން ބޭރަށް ކުރާ ތަޖުރިބާގެ ދަތުރުތަކާއި، ޖަމްބަރީ ކޭމްޕް ތަކަށް ދަތުރު ކުރާނަމަ އެޑިއުކޭޝަން މިނިސްޓްރީއަށް އެކަން އަންގައި، ރާއްޖޭގެ ސަރުކާރުން ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީތަކާ އެއްގޮތަށް އެކަންކަން ކުރުމަށް އިލްތިމާސް ކުރާ ކަމަށް ވެސ އަހުމަދު އަލީ ވިދާޅުވިއެވެ. އަހުމަދު އަލީ ވިދާޅުވީ އެއްވެސް ދަރިވަރެއް އަދި މުދައްރިސެއްވެސް ނުރައްކަލެއްގެ ތެރެއަށް ފޮނުވުމަށް ނޭދެ ކަމަށެވެ.
ޗައިނާގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި، ޗައިނާ އަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކުގެ ކިބައިންވެސް ކޮރޯނާ ވައިރަސްގެ އަސަރު ފެންނަމުންދާ ކަމަށާއި އަދި އެގައުމުތަކުގައި ބަލި ފެތުރެމުންދާ ކަމަށް ބުނެ އެޗްޕީއޭއިން ވަނީ އިއްޔެ ބަޔާނެއް ނެރެފައެވެ. މިދުވަސްވަރު ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުހިންގުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.