ޚަބަރު

ޔޮޓް ބޭލުމުގެ މައްސަލައިގައި އެމްޓީސީސީއާ ދެކޮޅަށް ޖާބިރު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި

އިބްރާހިމް ޒަކީ

ޖާބިރުގެ އަމިއްލަ ޔޮޓު ބޭލުމުގައި، ހިނގައި ދިޔަ ކަންތައްތަކާ ގުޅިގެން، އެމްޓީސީސީއާ ދެކޮޅަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު، އަދި ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު މައްސަލަ ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަަމުން ޖާބިރު ވަނީ އެކަން ޔަގީންކޮށްދެއްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، އޭނާގެ ޕްރައިވެޓް ޔޮޓް ބޭލުމަށް ފައިސާ ދައްކަން ގޮސް، ދެއްވި 530،000 ރުފިޔާގެ ޗެކް ފުރަތަމަ ގަބޫލުކުރި ކަމަށެވެ.

ނަމަވެސް އިރުކޮޅަކުން ޗެކުގެ ބަދަލުގައި ރުފިޔާ ގެނައުމަށް އެންގި ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އެހެންކަމުން މަޖުބޫރީ ހާލަތުގައި އޭނާގެ މިލިޔަން ޑޮލަރުގެ ޔޮޓް ބާލަން ފައިސާ ދައްކަން ޖެހުނު ކަމަށެވެ. އަދި އެކަމުގައި އެމްޓީސީސީން ނުބައިކޮށް ހިދުމަތް ދީފައިވާ ކަމަށާއި، އެކަމުގައި އެމްޓީސީސީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އިހައްދުވަހު އެމްޓީސީސީން އަޅުގަނޑުގެ ޕްރައިވެޓް ޔޮޓް ބާލަންވެގެން ފައިސާ ދައްކަން ދިޔައިމަ ފަސްލައްކަ ތިރީސްހާސް ރުފިޔާގެ ޗެކް ގަބޫލު ކޮށްފައި ދެން އިރުކޮޅަކުން ފަސްގަޑިބައި އެހާކަންހާއިރު ބުނީ ރުފިޔާ ގެނައިމަ އޭވާނީ، އެއީ މިވާގޮތަކީ އެމްޓީސީން ނުބައިކޮށް ސާވިސްދީފަ މަޖްބޫރީ ހާލަތުގައި ބޯޓު އަޅުގަނޑުބައިލަން ޖެހޭނެތާ، އެއީ މިލިޔަންސް އޮފް ޑޮލަރުގެ ޔޮޓެއް، އެހެންވީމާ އަޅުގަނޑަށް ޖެހުނީ ވަގުތުން ވަގުތައް ކޭޝް ގެންގޮސްގެން ބާލަން،، އަޅުގަނޑަށް އަނެއްކާ މިޖެހުނީ އެމްޓީސީ ގޮވައިގެން ކޯޓަށްދާން، މިހާރު މަދަނީ ކޯޓަށް އެ މައްސަލަ ހުށަހަޅާފައިވާ ވާހަކަ މައުލޫމާތައްޓަކައި ދަންނަވާލަން،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އެއީ އޮޑިޓަރުން ނެތުމާއި، އޯޑިޓަރުން ނުއުފެއްދުމުގެ ސަބަބުން ދިމާވާ މައްސަލަތަކެއް ކަމަށެވެ. އަދި ސަރުކާރުގެ ކުންފިތައް އޮޑިޓްކުރަން ރަނގަޅު އޮޑިޓަރުންނާއި އެކައުންޓެންޓުން އުފައްދަން ޖެހޭ ކަމަށްވެސް ޖާބިރު ވިދޅާުވިއެވެ.