ޚަބަރު

ކައުންސިލް އިންތިހާބަށް އޮފިޝަލުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

އަލީ ޔާމިން

އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އަނެއްކާވެސް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް ކުރިން ކުރި އިއުލާނުގެ މުއްދަތު ހަމަވިއިރު އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ފޯމު ހުށަހަޅާފައި ނުވާތީ އަލުން އިއުލާން ކުރާ ކަމަށެވެ.

އަދި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން އެޕްލިކޭޝަންފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއެކު، މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނަށް އަދި އަތޮޅުތެރޭގައި ނަމަ ރަށު/އަތޮޅު/ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން އެދެއެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް ފޮނުއްވުމަށް އެކޮމިޝަނުން އެދެއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އޮފިޝަލަކަށް ވުމަށް އެދި ހުށަހަޅާ ފޯމު ރަށު/އަތޮޅު/ސިޓީ ކައުންސިލް އިދާރާއިންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ލިބެން ހުންނާނެ ކަމަށެވެ.

ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ 1800 ރުފިޔާ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ 1600 ރުފިޔާ، ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ 1500 ރުފިޔާ، ވޯޓު ގުނާ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ 1200 ރުފިޔާ، ރިސާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ 500 ރުފިޔާ ލިބޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކުރެއެވެ.

މީގެ އިތުރުން އިލެކްޝަން ކޮމިޝަނުން ބުނީ ބޭނުންވާ އަދަދަށް އޮފިޝަލުން ހަމަވަންދެން ފޯމު ބަލައިގަންނާނެ ކަމަށެވެ.