ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނަވައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ބިލުގެ ބަހުސްގައި ދެއްކެވި ވާހަކައިގައި، މުއައްސަސާތައް މިނިވަން ވުމުގެ މުހިއްމު ކަމުގެ މައްޗަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ޖޭއެސްސީ މިިނިވަން ވާން ޖެހޭ ކަމަށާއި، އެ ކޮމިޝަނުގައި ސިޔާސީ ބޭފުޅުން ތިބެގެން ނުވާނެ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރުން ޖޭއެސްސީގައި ތިއްބަވައިގެން ނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
"ޖުޑިޝަލް ސާވިސް ކޮމިޝަން އިންޑިޕެންޑްވާން އެބަޖެހޭ ސިޔާސީ ބޭފުޅުން ތިބެގެން ނުވާނެ. އަޅުގަނޑު މިދަންނަވަނީ މި މަޖިލީހުގެ ރައީސް އިނދެގެން ނުވާނެއޭ އެތާގަ، މި މަޖިލީހުގެ މެންބަރުން ތިބެގެން ނުވާނެއޭ، މިނިވަން ވާން އެބަ ޖެހެއޭ،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ މުއައްސަސާތައް މިނިވަން ކުރުމުގެ ބަދަލުގައި މިހާރު ފެނިގެންދަނީ، ދައުލަތުގެ މުއައްސަސާތައް އުފެއްދުމަށްފަހު ބާރުތައް އެއްވުމުގެ އިތުރުން އޯވަރެގިއުލޭޓްވާތަން ކަމަށެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާގެ ކަންކަން ބަލައި، ޒިންމާދާރު ކުރުމުގެ ބާރު ލިބިދީފައިވާ ޖޭއެސްސީ އެކުލެވިގެން ވަނީ 10 މެންބަރުންގެ މައްޗަށެވެ.
އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރަކާއި، އުއްތަމަ ފަނޑިޔާރު ފިޔަވައި، ސުޕްރީމް ކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކާއި، އާއްމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަނާއިބާއި، ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ ގާނޫނީ ވަކީލެއް ހިމެނޭ ގޮތަށެވެ.
އެ ކޮމިޝަންގައި މަޖިލިސް ރައީސްގެ ހައިސިއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝިދު ހިމެނިވަޑައިގަންނަވާއިރު، މަޖިލިސް މެންބަރުންގެ ތެރެއިން ކޮމިޝަނުގައި ހިމެނި ވަޑައިގަންނަވަނީ، ކޮމިޝަންގެ ރައީސް ހިސާން ހުސެއިން އެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ މެންބަރުގެ ގޮތުގައި ކޮމިޝަނުގެ ނާއިބު ރައީސް މަސްތޫރު ހުސްނީ ހިމެނި ވަޑައިގަންނަވާއިރު، ސުޕްރީމް ކޯޓުގެ ފަރާތުން ކޮމިޝަންގައި އިންނަވަނީ، ފަނޑިޔާރު އާއިޝަތު ޝުޖޫން އެވެ. އަދި ހައިކޯޓިގެ ފަނޑިޔާރުގެ ތެރެއިން ފަނޑިޔާރު އަލީ ސަމީރު ހިމެނިވަޑައިގަންނަވާއިރު، ދަށު ކޯޓިތަކުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ޝަރީފް އެވެ. ގާނޫނީ ވަކީލުންގެ ތެރެއިން އަބްދުލް މާނިއު ހުސެއިން ހިމެނިވަޑައިގަންނަވާއިރު، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް އާއި ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތުވެސް ކޮމިޝަނުގައި ހިމެނިވަޑައިގަންނަވައެވެ.
އާއްމުންގެ ތެރެއިން އެ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ މެންބަރުގެ މުއްދަތު ހަމަވެފައިވާތީ އެ މަގާމަށް މީހަކު ހަމަޖެއްސުމުގެ މަސއްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.