އިނގިރޭސި ޕްރިމިއާ ލީގުގައި ޕިއެރޭ އެމެރިކް އޮބަމަޔާންގެ ދެ ލަނޑާއެކު އެވަޓަން އަތުން އާސެނަލް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު ލީގު މެޗުގައި އެވަޓަން އަތުން އާސެނަލް މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ.
އެ މެޗު ފެށިތާ މިނެޓެއްގެ ތެރޭ އެވަޓަނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އާސެނަލްގެ ޑިފެންޑަރުންނަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އެވަޓަނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑޮމިނިކް ކެލްވާޓް ލެވިންއެވެ.
މެޗުގެ 27 ވަނަ މިނެޓުގައި އާސެނަލުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ބުކާޔޯ ސަކާ ނަގައިދިން ރީތި ހުރަހަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ 20 އަހަރުގެ ފޯވަޑް އެޑީ އެންކޭޓިއާއެވެ. އެ ލަނޑަކީ ލީގުގައި އޭނާ އާސެނަލަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މެޗުގެ 33 ވަނަ މިނެޓުގައި އާސެނަލުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޑޭވިޑް ލުއިޒް ދިން ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އޮބަމަޔާންއެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ އެވަޓަންގެ ގޯލުގެ ތިރީ ކަނަކަށެވެ.
މެޗުގެ ފުރަތަމަ ހާފު އިތުރު ވަގުތުކޮޅުގެ ތެރޭގައި އެވަޓަނުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޔެރީ މިނާ ދިން ބޯޅައަކުން އެވަޓަނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރިޗާލިސަންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއްގެ ތެރޭ އާސެނަލުން ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ނިކޮލަސް ޕެޕޭ ނަގައިދިން ހުރަހަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން އޮބަމަޔާންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އެވެޓަންގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ 72 ވަނަ މިނެޓުގައި އެވަޓަނަށް އަލުން ނަތީޖާ ހަމަހަމަކުރުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ކެލްވާޓް ލެވިން ފޮނުވާލި ހަމަލާ، އާސެނަލްގެ ކީޕަރު ބާންޑް ލެނޯ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މިވަގުތު އާސެނަލް އޮތީ ޕްރިމިއާ ލީގު ތާވަލުގެ ނުވަވަނައިގައެވެ. އެޓީމަށް 27 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ. ރޭގެ މެޗުގައި އާސެނަލް އަތުން ބަލިވި އެވަޓަން އޮތީ ކުޅުނު 27 މެޗުން ލިބުނު 36 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ.