ޚަބަރު

ކޮރޯނާވައިރަސް ބޭނުންކޮށްގެން ސަރުކާރުން ކަންކަން ސިޔާސީ ނުކޮށް، ހާލަތު ހާމަކޮށްދޭންޖެހޭ: އަދުރޭ

ކޮރޯނާ ވައިރަސް ޑިޒީސް ނުވަތަ ކޮވިޑް-19 ބޭނުންކޮށްގެން ކަންކަން ސިޔާސީ ނުކޮށް، ގައުމުގެ ހާލަތު ރަނގަޅަށް ހާމަކޮށްދޭންޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ، ކޮރޯނާވައިރަހާ ގުޅިގެން މިދުވަސްވަރު ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށް މިއަދު ކުއްލި ގޮތަކަށް ނެރުނު ބަޔާނަކާ ގުޅިގެން، ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ، އެޗްޕީއޭގެ އެ ބަޔާނާ ގުޅިގެން ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުމެއް އުފެއްދިއްޖެ ކަމަށާއި އެފަދަ ބަޔާނެއް ކުއްލިއަކަށް ނެރެން ޖެހޭ ސަބަބެއް ސިއްރު ނުކޮށް ހާމަކޮށްދޭންޖެހޭ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގައި އެބަލި ފެތުރެންޔާ، ވައިރަސް ފެތުރިފައިވާ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލުން ސުކޫލުތައް ބަންދުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވަނީ، އެމްޑީޕީން މިދިޔަ ހުކުރު ދުވަހު ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބޭއްވިއިރު އެޗްޕީއޭ އިން އެފަދަ ކަންބޮޑުވުމެއް ނުވަތަ އިލްތިމާހެއް ނުކޮށް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗު ކުރުމަށް އިދިކޮޅުން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ޖަލްސާއާ ދިމާކޮށް އެޗްޕީއޭ އިން އެފަދަ އިލްތިމާހެއް ކުރުމުން ސުވާލު އުފައްދައިފައެވެ.

އެހެންކަމުން ވެގެން އުޅޭގޮތް ރައްޔިތުންނަށް ސިއްރު ނުކޮށް އޭގެ މައުލޫމާތު ހާމަކޮށްދިނުމަށް އަދުރޭ ވަނީ މިރޭގެ ޖަލްސާގައި ސަރުކާރަށް ގޮވާލައިފައެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޗައިނާގެ އިތުރުން ދެކުނު އިރުމަރީ އޭޝިއާގެ ބައެއް ގައުމުތަކުގައި، ޗައިނާ އަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކުގެ ކިބައިންވެސް ކޮރޯނާ ވައިރަސްގެ އަސަރު ފެންނަމުންދާ ކަމަށެވެ.

އެހެންކަމުން ބަލި ފެތުރެމުންދާ ގައުމަކަށް ދަތުރު ކުރާ ނަމަ އެގައުމުގައި ބަލި ފެތުރޭ މިންވަރާއި ސަރަހައްދު ދެނެގަތުމާއި އެގައުމެއްގެ ސަރުކާރުން، ރައްކާތެރިވުމަށް އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް ދެނެގަނެ އެކަންކަމަށް ފިޔަވަޅު އެޅުމާއި ރޯގާޖެހި ހުން އައިސްފައި ތިބޭ މީހުން ކައިރީގައި ނޫޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އޭގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ޖަޕާން، ސިންގަޕޫރު، ހޮންކޮން، ސައުތު ކޮރެއާ، ތައިލެންޑް، އިރާން، އަދި އިޓަލީ އަށް ދަތުރު ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.