އިނގިރޭސި ޕްރިމިއާ ލީގުގައި ވެޓްފޯޑު ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ ފަސްވަނައަށް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވެޓްފޯޑް އަތުން ޔުނައިޓެޑް މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ތިންވަނަ މިނެޓުގައި ވެޓްފޯޑަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ވެޓްފޯޑުގެ ކެޕްޓަން ޓްރޯއީ ޑީނޭ ހަމަލާއެއް ފޮނުވާލުމުގެ ކުރިން ޔުނައިޓެޑުގެ ޑިފެންޑަރު ލޫކް ޝޯ ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ 29 ވަނަ މިނެޓުގައި ވެޓްފޯޑަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ޑީނޭ ދިން ރީތި ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އަބްދޫލާޔޭ ޑޫކޯރޭ ފޮނުވާލި ހަމަލާ، ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
އެ މެޗުގެ 43 ވަނަ މިނެޓުގައި ޔުނައިޓެޑަށް ބްރޫނޯ ފެނާންޑޭޒް ލީޑު ހޯދައިދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ޔުނައިޓެޑަށް އެ ޕެނަލްޓީ ލިބުނީ ވެޓްފޯޑުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފެނާންޑޭޒަށް ކީޕަރު ބެން ފޮސްޓާ ކުރި ފައުލަކާ ގުޅިގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެންތޮނީ މާޝިއަލްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވެޓްފޯޑުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.
ގިނަ ހަމަލާތަކަކަށްފަހު ޔުނައިޓެޑުން ވަނީ މެޗުގެ 75 ވަނަ މިނެޓުގައި ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ 18 އަހަރުގެ ފޯވަޑް މޭސަން ގްރީންވުޑެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ގްރީންވުޑް ފޮނުވާލި ހަމަލާ އަމާޒުވީ ވެޓްފޯޑުގެ ގޯލުގެ މަތީ ކަނަކަށެވެ.
އެ ނަތީޖާއާއެކު ޔުނައިޓެޑް ވަނީ ލީގު ތާވަލުގެ ފަސްވަނައަށް ޖެހިލައިފައެވެ. ޔުނައިޓެޑަށް 27 މެޗުން 41 ޕޮއިންޓް ލިބިފައިވާ އިރު، ހަވަނައަށް ވެއްޓުނު ޓޮޓެންހަމް ހޮޓްސްޕާއަށް 27 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. ޔުނައިޓެޑުގެ ކުރިން ހަތަރުވަނައިގައި އޮތް ޗެލްސީއަށް 27 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ.