ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ގޮތުގައި އިންވެސްޓަރުން އަތުން ހޯދި ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާއަށް ޓޫރިޒަމް މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ޓޫރިޒަމް މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2017 އަދި 2018 ވަނަ އަހަރު ސީއެސްއާރުގެ ގޮތުގައި 120.7 މިލިއަން ރުފިޔާ ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ދެއްކުމަށް އެ މިނިސްޓްރީން ވަނީ އިންވެސްޓަރުންނަށް އަންގާފައިވެއެވެ. ނަމަވެސް އެފައިސާގެ ތެރެއިން އެކުންފުނިތަކަށް ލިބިފައިވަނީ 95 މިލިއަން ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ސީއެސްއާރުގެ ގޮތުގައި ނަގާފައިވާ ފައިސާ، މާލިއްޔަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ދައުލަތުގެ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައިނުވެއެވެ. އަދި އެ ފައިސާ އެ މިނިސްޓްރީގެ ހިސާބުތަކަށް ވެސް ވައްދާފައިނުވާއިރު 2018 ވަނަ އަހަރަށް އެކުލަވާލި އެ މިނިސްޓްރީގެ މާލީ ބަޔާނުގައި ވެސް މިގޮތަށް ފައިސާ ނަގާ ކަމެއް ބަޔާންކޮށްފައެއް ވެސް ނުވެއެވެ.
"ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓާ، ޓްރެއިނިން ރިސޯޓް، ޓްރާންސިޓް ހޮޓާ އަދި ސިޓީ ހޮޓަލުގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށްދީފައިވާ ތަންތަން ތަރައްގީކޮށް ނިންމުމަށް ދެވޭ މުއްދަތު އިތުރުކުރުމާއި، ކުއްޔާއި ޖޫރިމަނާގެ ފައިސާ ފަސްކޮށްދިނުމާބެހޭ އުސޫލު"ގެ ދަށުން ކޮންސްޓްރަކްޝަން ޕީރިއަޑް އެކްސްޓެންޝަންގެ ގޮތުގައި މުއްދަތު އިތުރުކުރާނަމަ ކޮންމެ މަހަކަށް ނަގާ 15000 ރުފިޔާގެ އިތުރަށް ސީއެސްއާރުގެ ގޮތުގައި ނަގާ ފައިސާ ހަރަދުކުރަން ވާނީ މުޖުތަމައަށް އިގްތިސާދީ ގޮތުން ނުވަތަ އިޖުތިމާއީ ގޮތުން ފައިދާވާނެ ގޮތަކަށެވެ.
ނަމަވެސް ސީއެސްއާރުގެ ގޮތުގައި ނަގާނެ ވަކި މިންވަރެއް ކަނޑައެޅިފައިނެތްކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނާގޮތުން އެ ފައިސާ ޖަމާކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ސީއެސްއާރު އުސޫލު އެނެކްސްގައި ބަޔާންކޮށްފައިވާ، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާއި ކޯޕަރޭޓިވް ސޮސައިޓީތައް ހިމެނޭ ގޮތަށް 11 ކުންފުންޏެއްގެ އެކައުންޓުތަކަށެވެ.
ސަރުކާރުގެ ސިޔާސަތެއް އެއްވެސް ގަވާއިދެއް ނުވަތަ އުސޫލެއްގެ ގޮތުގައި ހިމަނައި އެއަށް އަމަލުކުރަން ފެށުމުގެ ކުރިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންޖެހެއެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ސީއެސްއާރު އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިނުވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
ސީއެސްއާރުގެ ދަށުން ވަކިވަކި ކުންފުނިތަކަށް ދޫކުރި ފައިސާގެ ތަފްސީލު:
ސިފައިންގެ ވެލްފެއާ
- ސިފައިންގެ ވެލްފެއާ ކޮމްޕެނީ ޕްރައިވެޓް ލިބިމެޑް (ސިފްކޯ) އަށް 52.4 މިލިއަން ރުފިޔާ ދިނުމަށް އިންވެސްޓަރުންނަށް އަންގާފައިވާއިރު އެ ކުންފުންޏަށް ލިބުނުކަން ކަށަވަރުވީ 47.9 މިލިއަން ރުފިޔާއެވެ.
އެކުންފުންޏަށް ލިބުނު ފައިސާ އިން އެންމެ ގިނައިން ހަރަދުކޮށްފައިވަނީ އާރަށުގައި ތޮށިލުމާއި ބީޗުހެދުމާއި ދެ ބުރި އިމާރާތެއް ހެދުމާއި ޕެވެލިއަން ހެދުން ފަދަ މަސައްކަތެއް ކުރުމަށެވެ. އޭގެ އިތުރުން އެޓާނީ ޖެނެރަލް އޮފީހުގެ މަރާމާތާއި ފިޝަރީޒް މިނިސްޓްރީގެ މަރާމާތަށާއި ވެސް އެ ފައިސާއިން ހަރަދުކޮށްފައިވެއެވެ.
މޯލްޑިވްސް އިންޓަގްރޭޓެޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަންް ޕްރައިވެޓް ލިމިޓެޑް (އެމްއައިޓީޑީސީ)
- މިކުންފުންޏަށް 36.6 މިލިއަން ރުފިޔާ ޖަމާކޮށްދިނުމަށް އިންވެސްޓަރުންނަށް އަންގާފައިވާއިރު އެ ކުންފުންޏަށް ލިބުނުކަން ކަށަވަރުވަނީ 13.4 މިލިއަން ރުފިޔާއެވެ. އަދި 5.2 މިލިއަން ރުފިޔާ އެކުންފުންޏަށް ލިބިފައެއް ނުވެއެވެ.
އެމްއައިޓީޑީއަށް ސީއެއްއާރުގެ ގޮތުގައި ލިބުނު ފައިސާއިން ސިވެކް އަދި ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްވެކް)އަށް ވެސް ފައިސާ ޖަމާކޮށްފައިވެއެވެ. އަދި އެ ކުންފުނީގެ މެންޑޭޓުގެ ބޭރުން ޓޫރިޒަމް މިނިސްޓްރީގެ އެންގުންތަކާއި އެއްގޮތަށް ދައުލަތުގެ އެކި އެކި މިނިސްޓްރީތަކާއި މުއައްސަސާތަކަށް ފައިސާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.
ސްޓެލްކޯ
- ސްޓެލްކޯއަށް ދިނުމަށް މިނިސްޓްރީން އަންގާފައިވަނީ 9.3 މިލިއަން ރުފިޔާއެވެ. އޭގެތެރެއިން ހަރަދުކޮށްފައިވަނީ 5.6 މިލިއަން ރުފިޔާއެވެ. މައިގަނޑު ގޮތެއްގައި ސްޓެލްކޯއިން މި ފައިސާ ހަރަދު ކޮށްފައިވަނީ އެކި ރަށްރަށުގައި ފުޓްބޯޅަ ދަނޑުތައް އެޅުމަށެވެ.
ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްވެކް)
- ޕޮލްވެކަށް 1.1 މިލިއަން ރުފިޔާ ސީއެސްއާރުގެ ދަށުން ލިބިފައިވެއެވެ. އަދި 544 ހާސް ރުފިޔާ އެމްއައިޓީޑީސީން ޕޮލްވެކަށް ދައްކާފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)
- އެމްޓީސީސީ އަށް 13.8 މިލިއަން ރުފިޔާ ދިނުމަށް މިނިސްޓްރީން އެންގި ކަމަށާއި ނަމަވެސް އެ ކުންފުންޏަށް ލިބިފައިވަނީ 632 ހާސް ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އެހެންކަމުން 13.4 މިލިއަން ރުފިޔާ އެކުންފުންޏަށް ލިބިފައެއް ނުވެއެވެ.
ޕަބްލިކް ސާރވިސް މީޑިޔާ (ޕީއެސްއެމް)
- ޕީއެސްއެމްއަށް 6.8 މިލިއަން ރުފިޔާ ދިނުމަށް އަންގާފައިވާއިރު އެ ކުންފުންޏަށް ލިބިފައިވަނީ 6.7 މިލިއަން ރުފިޔާއެވެ. އެހެންކަމުން އެ ކުންފުންޏަށް ވެސް 308 ހާސް ރުފިޔާ އެކުންފުންޏަށް ލިބިފައިނުވެއެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)
- އެސްޓީއޯ އަށް 314 ހާސް ރުފިޔާ ދިނުމަށް އިންވެސްޓަރުންނަށް އަންގާފައިވީ ނަމަވެސް އެއިން އެއްވެސް ފައިސާއެއް އެ ކުންފުންޏަށް ލިބިފައިނުވާ ކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ.
ސީއެސްއާރުގެ ގޮތުގައި ލިބުނު ފައިސާގެ ތަފްސީލް އެނގެން ނެތުމުން އޮޑިޓް އޮފީހުން ވަނީ ދައުލަތުގެ އިދާރާއަކުން އަންގައިގެން ފައިސާއެއް ނަގާނަމަ، އެ ފައިސާއެއް ދައުލަތުގެމާލިއްޔަތުގެ ޤާނޫނާ އެއްގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރުމަށް މިނިސްޓްރީއަށް އިރުޝާދުދީފައެވެ.