ބޮޑެތި ގިނަ އިނާމު ތަކަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު މިއަދު ފަށައިފިއެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މިއަހަރުގެ ރަމަޟާން ބާޒާރު ފައްޓަވައިދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދުއެވެ.
މިއަދުން ފެށިގެން މެއި މަހުގެ 30 ވަނަ ދުވަހަށް ކުރިރަށް ގެންދާ މި ޕްރޮމޯޝަންގެ މިއަހަރުގެ ބޮޑު ތިން އިނާމަށް ވެސް ހަމަޖެހިފައިވާ އުމްރާ ދަތުރުތަކެކެވެ.
އެގޮތުން އެއްވަނަށް ހޮވޭ ފަރާތަކަށް ހަތަރު މީހަކަށް އުމުރާ ޕެކޭޖު ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނައަށް ހޮވޭ މީހަކަށް ދެ މީހުންގެ އުމްރާ ދަތުރު ލިބޭނެއެވެ. އަދި ތިންވަނައަށް ހޮވޭ މީހާއަށް އެކަކުގެ އުމްރާ ދަތުރެއް ދޭން ވަނީ ނިންމައިފައެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި އެސްޓީއޯއިން 1،000 ރުފިޔާއާ ހަމައަށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށެވެ. އެގޮތުން، ކޮންމެ 1000 ރުފިޔާއަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
ބޮޑު އިނާމުގެ އިތުރުން ކޮންމެ ހަފްތާއަކު އެއްފަހަރު ނެގޭ ގުރުއަތުގައި 10،000 ރުފިޔާ އާއި 20،000 ރުފިޔާއާ ދެމެދުގެ އަގުހުރި އިނާމެއް ލިބޭނެއެވެ. އަދި ޕްރޮމޯޝަނުގައި އެސްޓީއޯ އިން ވިއްކާ ހުރިހާ ސާމާނަކުން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭއިރު ހޯމް އިމްރޫވްމަންޓުން ވިއްކާ ބައެއް ބްރޭންޑުތަކުގެ މުދަލާއެކު ވަގުތުން ހަދިޔާ ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.
އޭގެ އިތުރުން 10،000 ރުފިޔާއިން މަތީގެ މަކީޓާގެ ކޮންމެ ވިޔަފާރިއަކާއެކު އިނާމެއް ލިބޭއިރު އާއްމުންގެ މެދުގައި މަގުބޫލު ފިލިޕްސް އެއާފްރަޔާ އެކުވެސް ހަދިޔާއެއް ލިބިގެންދާނެއެވެ. އަދި އެސްޓީއޯ އިން ވިއްކާ ނިޕޯން ވިނިލެކްސް އަދި ނިޕޯން ވިނީލް ސިލްކް ރޭންޖްގެ ކުލަތަކުން ވެސް 15 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.
އެއާއެކު ކޮންމެ ހަފާތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭ މަކީޓާ ބުރުމާ ބޭނުންކޮށްގެން ތޮރުފުމުގެ މުބާރާތެއް ކުރިއަށް ގެންދިއުމަށް އެސްޓީއޯ އިން ވަނީ ނިންމައިފައެވެ.