ޚަބަރު

ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް މިދުވަސްވަރު ނުހިންގުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

އައިދާ އަބްދުލް ހަކީމް

1

މިދުވަސްވަރު ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުހިންގުމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޗައިނާގެ އިތުރުން ދެކުނު އިރުމަރީ އޭޝިއާގެ ބައެއް ގައުމުތަކުގައި، ޗައިނާ އަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކުގެ ކިބައިންވެސް ކޮރޯނާ ވައިރަސްގެ އަސަރު ފެންނަމުންދާ ކަމަށާއި އަދި އެގައުމުތަކުގައި ބަލި ފެތުރެމުންދާ ކަމަށެވެ. އެހެން ކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ޖަޕާން، ސިންގަޕޫރު، ހޮންކޮން، ސައުތު ކޮރެއާ، ތައިލެންޑް، އިރާން، އަދި އިޓަލީ އަށް ދަތުރު ކުރާ ފަރާތްތަކުން އިތުރަށް ސަމާލު ވުމަށް އެދޭ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ކޮރޯނާ ވައިރަސްގެ އެންމެ ފަހުގެ މައުލޫމާތު އެއްކޮށް ދިވެހިން ސަމާލުކަން ދޭން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ސަމާލުކަން ދޭން ޖެހޭ ގިނަ ކަންތައްތަކެއް އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފައެވެ. އޭގެތެރޭގައި ބަލި ފެތުރެމުންދާ ގައުމަކަށް ދަތުރު ކުރާ ނަމަ އެގައުމުގައި ބަލި ފެތުރޭ މިންވަރާއި ސަރަހައްދު ދެނެގަތުމާއި އެގައުމެއްގެ ސަރުކާރުން، ރައްކާތެރިވުމަށް އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް ދެނެގަނެ އެކަންކަމަށް ފިޔަވަޅު އެޅުމާއި ރޯގާޖެހި ހުން އައިސްފައި ތިބޭ މީހުން ކައިރީގައި ނޫޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި ހޭންޑް ސެނިޓައިޒާ ބޭނުންކުރުމާއި ބޭރު ގައުމަކަށް ދަތުރުކޮށްފައި އައިސް ރޯގާޖެހި ކެއްސައި ހުން އައިސްފައި ވާނަމަ ގޭގައި މަޑުކުރުމާއި ބަލި މާ ބޮޑުވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟