ޚަބަރު

ވިޔަފާރިތަކަށް ހާއްސަކޮށްގެން ބާއްވާ ބިޒްނަސް އެކްސްޕޯ ފަށައިފި

އަލީ ޔާމިން

ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބާއްވާ މޯލްޑިވްސް ބިޒްނަސް އެކްސްޕޯ ފަށައިފިއެވެ.

އޯކާ މީޑިއާ ގުރޫޕުން އިންތިޒާމު ކޮށްގެން އެ އެކްސްޕޯ ކުރިއަށްދާނީ މިއަދާއި މާދަމާ ދަރުބާރުގޭގައެވެ. އެކްސްޕޯ ކޮންމެ ދުވަހަކު މެންދުރު 1:30 އިން ފެށިގެން ރޭގަނޑު 11:30 ގެ ނިޔަލަށް ކުރިޔަށް ދާނެއެވެ.

މި އެކްސްޕޯއަކީ ބޮޑެތި ވިޔަފާރިތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެމީހުންގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ފޯރުކޮށްދޭ ހިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކައިލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ އެކްސްޕޯއެކެވެ.

އެގޮތުން މިއަހަރުގެ އެކްސްޕޯގައި 60 އަށްވުރެ އެގްޒިބިޓަރުން ބައިވެރިވާއިރު އެކްސްޕޯއަށް 3000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޯކާ މީޑިއާ ގުރޫޕުން ބުނެއެވެ.

މިއަހަރުގެ އެކްސްޕޯގައި ވެސް ވިޔަފާރިއާ ގުޅުންހުރި ސަމިޓުތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ވިޔަފާރިވެރިންނަށް ހާއްސަ ސަމިޓަކާއި އަންހެނުންނަށް ހާއްސަ ސަމިޓެއްގެ އިތުރުން މޯލްޑިވްސް ޓޫރިޒަމް ޕްރޮފެޝަނަލް ސަމިޓަކާއި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލް ސަމިޓެވެ.

މި ސަމިޓުތަކުގައި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ، އެބޭފުޅުންގެ ތަޖުރިބާ އާއި ވިޔަފާރިތަކަށް ކުރިއަރައިދިއުމަށް ދިމާވާ ގޮންޖެހުންތަކާ ގުޅެގޮތުން މަޝްވަރާކުރެވި ހިޔާލު ބަދަލުކުރާނެއެވެ.

ޖެހިޖެހިގެން ބިޒްނަސް އެކްސްޕޯ ބާއްވާތާ މިއީ ދެވަނަ އަހަރެވެ. މިއަހަރުގެ ބިޒްނަސް އެކްސްޕޯގެ މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން"އެވެ.