ޚަބަރު

އަމިއްލަ ފަރުދަކު އެދުނު މައުލޫމާތު 45 ދުވަސް ތެރޭގައި ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު ޓޫރިޒަމަށް އަންގައިފި

އައިދާ އަބްދުލް ހަކީމް

އަމިއްލަ ފަރުދަކު ހާމަކޮށްދޭން އެދުނު ރަށްތަކަކާއި ފަޅުތަކެއްގެ މައުލޫމާތު އެފަރާތަށް 45 ދުވަސް ތެރޭގައި ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު ޓޫރިޒަމް މިނިސްޓްރީއަށް އަންގަވައިފި އެވެ.

ޝިފްޒާ އުމަރު ނަމަކަށް ކިޔާ އާންމު ފަރުދަކު ބޭނުންވެގެން ހޯދަން އެދެނު މައުލޫމާތެއް ޓޫރިޒަމް މިނިސްޓްރީން ނުދީގެން ހުށަހެޅި މައްސަލައިގައި ގާނޫނު ނަންބަރު 1/2014 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު)ގެ 59 ވަނަ މާއްދާއިން އިންފޮމޭޝަން ކޮމިޝަނަރަށް ލިބިދޭ ބާރުގެ ދަށުން އާއްމުކޮށް ހުޅުވައިލައިގެން މިއަދު ބޭއްވި އަޑުއެހުމުގައި ބުނެފައި ވަނީ ޓޫރިޒަމް މިނިސްޓްރީން ހޯދަން ބޭނުން ވެގެން އެދުނު މައުލޫމާތު ދޫނުކުރުމާއި، ޓޫރިޒަމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު 21 ދުވަހުގެ ތެރޭގައި ދެއްވި ޖަވާބު މުރާޖައާކޮށްދެއްވުމަށް އެދި ޝިފްޒާ އުމަރު ޓޫރިޒަމް މިނިސްޓްރީގެ މުރާޖައާ ކޮމިޓީއަށް ހުށަހެޅުމުން 30 ދުވަސް ހަމަ ވީއިރު ވެސް އެ ހުށަހެޅުމަށް ލިޔުމުން ޖަވާބު ދިފައި ނުވާ ކަމަށެވެ.

މިއަދު ހެނދުނު 10:00ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ކުރިއަށްދިޔަ މި އަޑުއެހުމަށް ހާޒިރުވުމަށް މައްސަލައިގައި ހިމެނޭ ދެ ފަރާތަށް ވެސް ޗިޓު ފޮނުވިއެވެ. އަދި މި އަޑުއެހުމަށް މައްސަލައިގައި ހިމެނޭ ދެ ފަރާތުންވެސް ހާޒިރުވި ކަމަށް ކޮމިޝަނަރުގެ އޮފީީހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމާފައި ވަނީ ޝިފްޒާ އުމަރު ހޯދުމަށް އެދިފައިވާ މައުލޫމާތަކީ ދޫކުރެވޭނެ މައުލޫމާތެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބެލި ބެލުމުން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން އެމައުލޫމާތު 45 ދުވަސް ތެރޭގައި ޝިފްޒާ އުމަރަށް ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު އެންގެވީ ކަމަށެވެ.