ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ 877 ކެންޑިޑޭޓުން ވާދަކުރާނެކަން ކަށަވަރު ވެއްޖެ: އަފްޝަން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، އެމްޑީޕީން ވާދަކުރަން ހުށަހެޅި 877 ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާތީ، އެ އިންތިހާބުގައި އެމްޑީޕީގެ 877 ކެންޑިޑޭޓުން ވާދަކުރާނެކަން ކަށަވަރު ވެއްޖެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އިންތިހާބުގެ ކަންތައްތަކާބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްފައި، އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެމްޑީޕީގެ އިތުރު ކެމްޕެއިން ހަރަކާތްތައްވެސް ކުރިޔަށްދާނެ ކަމަށެވެ. އަދި އެމްޑީޕީން އިންތިހާބުގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ވީހާވެސް ބޮޑަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށާއި، ކެމްޕެއިންގައި ވީހާވެސް މަދުން ޕްލާސްޓިކް ބޭނުންކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިލާ ކެނޑިޑޭޓުންގެ އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭ ދުވަހަކީ މާދަމާ ކަމަށާއި، އެކަމަށް ހުރިހާ ކެންޑިޑޭޓުން ސަމާލުކަން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ކައުންސިލް އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާ ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިމަހު 27ގައި ބަންދު ކުރާނެ ކަމަށާއި އެކަމަށް ވެސް ސަމާލު ވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ އަންހެނުންގެ ތަަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެމްޑީޕީގެ 442 ކެންޑިޑޭޓުން މިހާތަނަށް ކަށަވަރު ވެފައިވާ ކަމަށެވެ. އަދި އިތުރު ކެންޑިޑޭޓުން ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.