ޚަބަރު

އައިލެންޑް އޭވިއޭޝަންގެ ހިންގުން އިތުރަށް ހަރުދަނާ ކުރަން ސްޓްރެޓަޖީ ޕްލޭން ހަދާނެ ބަޔަކު ހޯދަނީ

އަލީ ޔާމިން

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)ގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކުންފުނީގެ ސްޓްރެޓަޖީ ތައްޔާރުކޮށް، ތަންފީޒު ކުރުމަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ އައިލެންޑް އޭވިއޭޝަންގެ ސްޓްރެޓަޖީ ތައްޔާރުކޮށް ތަންފީޒުކުރުމަށް ޓަކައި ކޮންސަލްޓަންޓް ނުވަތަ ކޮންސަލްޓަންސީ ފާމެއް ހޯދަން ބޭނުންވާ ކަމަށާއި އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 27 ވަނަ ދުވަހު ޕްރީ ބިޑް މީޓިން އެއް އޮންނާނެ ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ މާޗު ތިނެއްގެ މެންދުރު 1:30ގެ ކުރިން ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

އައިލެންޑް އޭވިއޭޝަންއަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އެކުންފުނީގެ ދަށުން އެއާލައިންގެ ހިދުމަތާއި ލައުންޖު ހިދުމަތް އަދި އެއާޕޯޓު މެނޭޖުމެންޓާއި އޮޕަރޭޝަން، ކާގޯ ހިދުމަތް އަދި މޯލްޑިވިއަން ހޮލިޑޭސްގެ އިތުރުން މޯލްޑިވިއަން ސީޕްލޭންގެ ހިދުމަތް ދެއެވެ.