އަލީ ޔާމިން
ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށް އަމިއްލައަށް އެދިގެން ފަނޑިޔާރު ކަމުން ރިޓަޔާވާ ބޭފުޅުންނަށް އިނާޔަތްތައް ނުދޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.
ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގެ ގަވައިދުގައި ކުރިން އޮންނަ ގޮތުން ފަނޑިޔާރުންގެ ގާނޫނުގެ ދަށުން އަމިއްލައަށް އެދިގެން ނުވަތަ ސިއްހީ ސަބަބުތަކަށް ޓަކައި ޖޭއެސްސީން ރިޓަޔާ ކުރަން ނިންމާ ބޭފުޅުންނަށް އިނާޔަތްތައް ހަމަޖައްސައިދެ އެވެ. އެއީ އެ ފަޑިިޔާރުންގެ ސުލޫކީ މައްސަލައެއް ބެލިކަމުގައިވިޔަސް މެއެވެ.
ނަމަވެސް، އެ ގަވާއިދަށް މިދިޔަ ހަފުތާގައި ގެނައި އިސްލާހުގައިވާ ގޮތުން، ރިޓަޔާ ކުރައްވަން އެދިވަޑައިގަންނަވާ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނަ ނަމަ ނުވަތަ އެފަދަ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ނަމަ، އެ ފަނޑިޔާރަކަށް އިނާޔަތް ހަމަޖައްސައެއް ނުދެވޭނެ އެވެ.
ޖޭއެސްސީގެ ގަވައިދުގައިވާ ގޮތުން އަމިއްލައަށް އެދިވަޑައިގެން ރިޓަޔާ ކުރައްވާ ފަނޑިޔާރުންނަށް ވެސް މާލީ އިނާޔަތްތަކާއި ލިވިން އެލަވަންސާއި މެޑިކަލް އިންޝުއަރެންސްގެ އިތުރުން ސެކިއުރިޓީ ވެސް ހަމަޖައްސައިދެއެވެ.