ޚަބަރު

އަދުރޭގެ ދަރިފުޅު، ފައިސަލްގެ ދެމަފިރިން އައިނު ހަދަން އެމްބަސީން ހަރަދުކުރި 72،438 ރުފިޔާ ހޯދަން އަންގައިފި

އިބްރާހިމް ޒަކީ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ދަރިފުޅު، ފައިސަލް އިބްރާހިމް ގެ ދެމަފިރިންގެ އައިނު ހެދުމަށް މެލޭޝިއާ އެމްބަސީގެ ބަޖެޓުން ހަރަދުކުރި، 72،438 ރުފިޔާ އަނބުރާ ދައުލަތަށް ހޯދުމަށް އޮޑިޓާ ޖެނެރަލް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފިއެވެ.

އެ ދެމަފިރިން އެ ފައިސާ ހަރަދު ކުރި ކަމާއި، އެފައިސާ އަނބުރާ ހޯދުމަށް އަންގާފައިވާކަން ހާމަކޮށްފައި ވަނީ، އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި މިއަދު އާންމު ކުރެއްވި، ފޮރިން މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައެވެ.

އެ ރިޕޯޓްގައި ނަން ހާމަނުކޮށް ބުނެފއިވަނީ، މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ މިނިސްޓާ-ކައުންސެލާގެ މަގާމުގައި ހުންނެވި ބޭފުޅާ އާއި އޭނާގެ އަނބިކަނބަލުން ޕްރާޑާ ބްރޭންޑްގެ އައިނެއް ހެއްދުމަށް 72،438 ރުފިޔާ އެމްބަސީގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އެއީ ގަވައިދާ ހިލާފަށް ކޮށްފައިވާ ހަރަދެއް ކަމަށް އޮޑިޓް ރިޕޯޓްގައި ވެ އެވެ. ރިޕޯޓުގައި ބުނެފައިވާ މުއްދަތުގައި އެ މަގާމުގައި ހުންނެވީ ފައިސަލް އެވެ.

ފައިސަލްގެ އިތުރުން އެމްބަސީގައި އޭރު ހުންނެވި ދިވެހި ސަފީރާއި އޭނާގެ އަނބިކަނބަލުން، މެޑިކަލް ޗެކަޕެއް ހެއްދެވުމަށް، އެމްބަސީގެ ބަޖެޓުން 26،360 ރުފިޔާ ހަރަދު ކޮށްފައިވާ ކަންވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ.

އޭރު މެލޭޝިއާގައި ދިވެހި ސަފީރެއްގެ ގޮތުގައި ހުންނަވަނީ، މުހައްމަދު ފަހުމީ ހަސަންއެވެ.

ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ވަޒީފާއަށް ފޮނުވާ މުވައްޒަފުންނަށް ދޭ އެލަވަންސް ތަކާއި އިނާއަތްތަކަށް ބަލާއިރު އެއީ ކުރެވިދާނެ ހަރަދެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި ދައުލަތުގެ ހަރަދުގައި އިންޝުއަރެންސް ސްކީމެއްގައި މުވައްޒަފަކު ބައިވެރި ކުރުވުމަށްފަހު، އޭގެ ބޭރުން އެ މުވައްޒަފެއްގެ ސިއްހީ ކަންކަމަށް ދައުލަތުން ހަރަދު ކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވެއެވެ.

މިކަން އިސްލާހު ކުރަން ބޭނުންވާ ކަންކަން އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަ ކުރައްވައިފައެވެ.