އަލީ ޔާމިން
ރާއްޖެ އައި ކްރޫޒްލައިނާތަކުގައި ހުން އައިސްފައިވާ މީހުން ތިބި ނަމަވެސް ކަރަންޓީން ކުރަން ޖެހޭ މީހަކު އެއްވެސް ކްރޫޒްލައިނާއެއްގައި ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ރާއްޖެ އައި ތިން ކްރޫޒްލައިނެއްގައި ތިބި މީހުން ސްކްރީން ކުރުމަށް ފަހު އެޗްޕީއޭއިން ބުނީ ހުން ހުރި 22 މީހަކު ފާހަގަ ކުރެވުނު ކަމަށެވެ.
އެޗްޕީއޭއިން އިއްޔެ ވަނީ މާލެއަށް ބަނދަރު ކުރި ދެ ކްރޫޒްލައިނާއެއްގައި ތިބި މީހުން ސްކްރީން ކޮށްފައެވެ. އެގޮތުން މިސް މާކޯ ޕޯލޯ ނަމަކަށް ކިޔާ ކްރޫޒްލައިނާ އިން 984 މީހަކު ސްކްރީން ކުރިއިރު އޭގެ ތެރެއިން އަށް މީހެއްގެ ގައިން ހުމުގެ އަސަރު ފެނިފައި ވެއެވެ. އަދި ނޯޓިކާ ނަމަކަށް ކިޔާ ކްރޫޒްލައިނާ އިން 1034 މީހަކު ސްކްރީން ކުރިއިރު އޭގެ ތެރެއިން ދެމީހެއްގެ ގައިން ހުމުގެ އަސަރު ފެނިފައި ވެއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ވަނީ މިމަހުގެ 20 ވަނަ ދުވަހު މިސް ކޯސްޓާ ވިކްޓޯރިއާ ނަމަކަށް ކިޔާ ކްރޫޒްލައިނާ އިން 2460 މީހަކު ސްކްރީން ކުރިއިރު އޭގެ ތެރެއިން 12 މީހެއްގެ ގައިން ހުމުގެ އަސަރު ފެނިފައިވާ ކަމަށް ބުނެފައެވެ.
އެޗްޕީއޭއިން ބުނީ ރާއްޖެ އައި ކްރޫޒްލައިނާ ތަކުގައި ތިބި އެއްވެސް މީހަކު މީގެ 14 ދުވަސް ކުރިން ޗައިނާ އަށް ދަތުރުކޮށްފައި ނުވާ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ދުުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ދުނިޔޭގެ ބޮޑު ބަޔަކަށް ފެތުރޭނެ ކަމަށް ލަފާކޮށް، މުޅި ދުނިޔެއަށް ސިއްހީ އިމަޖެންސީއެއް އިއުލާންކޮށްފައެވެ.