ދިވެހި ފުލުހުންނަށް އެކި ދާއިރާތަކުން އެއްބާރުލުން ހޯދުމަށް އިންޑިއާގެ ނިއު ދިއްލީގެ ކޮމިޝަނާ އޮފް ޕޮލިސް އަމުލްޔާ ކުމާރު ޕަޓްނައިކާއެކު ޕޮލިސް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މަޝްވަރާ ކުރައްވައިފިއެވެ.
ދިއްލީގެ ކޮމިޝަނަރު އޮފް ޕޮލިސްއާ ސީޕީ ހަމީދު ބައްދަލުކުރެއްވީ އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހުގެ ދައުވަތަކަށް މިނިސްޓަރު އިމްރާން އަބްދުﷲއާއެކު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ ބައްދަލުކުރެއްވުމުގެ ފޮޓޯއަކާއެކު ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމާލެއްވުމުގެ ކުރިން ދެއްލީ ފުލުހުންގެ ކޮމިޝަނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
ދެއްލީ ފުލުހުންނަކީ އިންޑިއާގެ އެންމެ ތަރައްގީ ވެފައިވާ ފުލުހުންގެ މުއައްސަސާކަން ފާހަގަކުރައްވާ ސީޕީ ހަމީދު ވިދާޅުވީ، އެ މުއައްސަސާގެ ތަމްރީންގެ ތެރެއިން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސަޕޯޓް ހޯދުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ސީޕީ ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރާއި ގުޅޭގޮތުން ހޯމް މިނިސްޓްރީން ބުނީ ދަތުރުގެ ތެރެއިން ބޭއްވި ބައްދަލުކުރެއްވުންތަކުގައި ފުލުހުންގެ ހިދުމަތް ތަރައްގީކުރުމުގައި އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުންނާއި ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ގާއިމުކުރެވޭނެ އިތުރު ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ.
އޭގެ އިތުރުން ދެގައުމުގެ ދާހިލީ ވުޒާރާ ގުޅިގެން ކުރެވޭ މަސައްކަތްތަކާއި އެހީތެރިން ބަދަލުކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
މިދަތުރުގެ ތެރެއިން މިނިސްޓަރު އިމްރާން ވަނީ އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހުގެ އިތުރުން އިންޑިއާގެ ޝައުދަރު ވަލައްބައި ޕަޓެލް ނެޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރު އޭޑީޖީޕީ ޝްރިލް އަޓުލް ކަރްވާލްއާ ބައްދަލު ކުރައްވައިފައެވެ.
އޭގެ އިތުރުން އިންޑިއާގެ ގުޖުރާތު ފޮރެންސިކް ސައިންސް ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވައި އެތަނުގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޖޭއެމް ވިޔަސްއާ ބައްދަލުކުރައްވައި އެ ޔުނިވާސިޓީގެ އެހީތެރިކަން ހޯދޭނެ ދާއިރާތަކާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވައިފައެވެ.
މިނިސްޓަރު އިމްރާން އާއި ސީޕީ ހަމީދުގެ އިންޑިއާ ދަތުރު ނިންމާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.