އޭއެފްސީ ކަޕްގެ ޕްލޭއޯފްގެ ދެވަނަ ލެގުގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުމަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މިއަދު އިންޑިއާއަށް ފުރައިފިއެވެ.
ޕްލޭއޯފްގެ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބެންގަލޫރުގައި އަންނަ ބުދަ ދުވަހު ރާއްޖެ ގަޑިން 19:00 ގައެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިދިޔަ ބުދަ ދުވަހު ކުޅުނު ޕްލޭއޮފްގެ ފުރަތަމަ ލެގުގެ މެޗު މާޒިޔާ ވަނީ 2-1ގެ ނަތީޖާއަކުން ބެންގަލޫރު އެފްސީ ބަލިކޮށްފައެވެ.
މެޗަށްފަހު މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮވްސްކީ ބުނެފައިވަނީ އެ މެޗުން މޮޅުވުމަކީ މާޒިޔާއަށް އެޑްވާންޓޭޖެއް ނޫން ކަމަށާއި ކުރަންޖެހޭ މަސައްކަތް އަދި ނުނިމޭ ކަމަށެވެ.
އިންޑިއާގެ ބެންގަލޫރު އެފްސީގެ ސްޕެއިން ކޯޗު ކާލޮސް ކުއަޑްރެޓް ޒިކުއެސް ބުނީ، އަމިއްލަ ދަނޑުގައި ކުޅޭ މެޗުން މޮޅުވާން މަސައްކަތްކުރާނެ ކަމަށާއި ނަމަވެސް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ޑިފެންސް ވަރަށް ވަރުގަދަ ކަމަށެވެ.
ދެވަނަ ލެގުގެ މެޗަށް މާޒިޔާ ކުރިމަތިލާއިރު އެޓީމުގެ މުހިއްމު ބައެއް ކުޅުންތެރިންނަށް ވަނީ އަނިޔާވެފައެވެ. އެގޮތުން ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީކޮޅު އަނިޔާވި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސަކޮ) ގާތްގަނޑަކަށް ހަ މަހަށް ކުޅުމާއި ދުރަށްދާން ޖެހިދާނެ ކަމަށް ބެލެވެއެވެ.
އޭގެ އިތުރުން ފޯވާޑު ހަސަން ނާއިޒް (ދާދު)އަށް ވެސް ވަނީ އަނިޔާ ވެފައެވެ. މާލޭގައި އަބަހާނީ އައި ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ބެންގަލޫރާ ކުޅުނު ފުރަތަމަ ލެގު މެޗުން ވެސް ދާދު ފެނިފައެއް ނުވެއެވެ. އަދި ހުނަރުވެރި މިޑްފިލްޑަރު އިބްރާހިމް ވަހީދު ހަސަން ވެސް މުޅިން ފިޓު ނުވާތީ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އިނީ ބެންޗުގައެވެ.
މާޒިޔާ އާއި ބެންގަލޫރު އެފްސީ އިންޑިއާގައި ކުޅޭ މެޗަށްފަހު އެގްރިގޭޓުން ކުރި ހޯދާ ޓީމަކަށް އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުން ޖާގަ ލިބޭނެއެވެ. އެގްރިގޭޓުން ކުރި ހޯދާ ޓީމު ވާދަކުރަން ޖެހޭނީ އޭއެފްސީ ކަޕުގެ "ގްރޫޕު އީ"ގައެވެ. އެ ގްރޫޕުގައި ހިމެނެނީ އިންޑިއާގެ ޗެމްޕިއަން ޗެންނާއީ އެފްސީ އާއި ބަންގުލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަދި ރާއްޖޭގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބެވެ.