ޚަބަރު

މުވައްޒަފުންނަށް ފުރައްސާރަ ކުރުން ބަލައެއް ނުގަނެވޭނެ، ފިޔަވަޅު އެޅުމަށް ފަހެއް ނުޖެހޭނަން: އައިޖީއެމްއެޗް

އަހުމަދު އައުފް އަބްދުލް ސަމަދު

އެއްވެސް ކަހަލަ އަސާސެއް ނެތި ސިއްޙީ ހިދުމަތްތެރިންގެ ގާބިލިއްޔަތު ކަމާމެދު ސުވާލު އުފައްދައި އެތަނުގެ މުވައްޒަފުންނަށް މަލާމާތާއި ފުރައްސާރަ ކުުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

އައިޖީއެމްއެޗުން އެހެން ބުނެފައިވަނީ، އެ ހޮސްޕިޓަލުގެ ޑޮކްޓަރަކު ގޫގުލް ކޮށްގެން ބޭސް ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓަކާއި ގުޅިގެން އެ ހޮސްޕިޓަލަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިއަދު ނެރުނު ބަޔާނެއްގައެވެ.

އައިޖީއެމްއެޗުން ބުނީ، އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުންނާއި ނަރުހުން އަދި މެޑިކަލް/ޓެކްނިކަލް އެންމެހައި މުައްޒަފުންނަކީ ބައިނަލްއަގުވާމީ މިންގަނޑުތަކުން ގަބޫލުކުރާ ތައުލީމާއި ތަމްރީނު ފުރިހަމަކޮށްފައިވާ ބައެއް ކަމަށެވެ.

އޭގެ އިތުރުން އެ މުވައްޒަފުންނަކީ ރާއްޖޭގެ ކަމާއިބެހޭ ކައުންސިލްތަކުން ކަނޑައަޅާފައިވާ އިމްތިހާނުތަކާއި އެހެނިހެން އިޖުރާއަތްތައް ފުރިހަމަކޮށް އެ ކައުންސިލްތަކުގައި ރަޖިސްޓަރީ ވެފައިވާ ބައެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

އައިޖީއެމްއެޗްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބޭހެއް ދިނުމުގެ ކުރިން ސިއްހީ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށް ޑޭޓާ ބޭސްތަކާއި ސޮފްޓްވެއާގެ އިތުރުން އެޕްލިކޭޝަންތަކާއި ކަލްކިއުލޭޓަރު ފަދަ ވަސީލަތްތައް ހުންނައިރު އެތަކެތީގެ ބޭނުން ހިފުމަކީ އެ މުވައްޒަފެއްގެ ގާބިލު ކަމާމެދު ސުވާލު އުފެދޭ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ފަރުވާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންކުރާ އިތުރު މަސައްކަތެއް ކަމަށާއި އެކަމަށް ހޮސްޕިޓަލުތަކުން އަބަދުވެސް ތަރުހީބުދޭ ކަމަށް ބަޔާނުގައިވެއެވެ.

"ސިއްހީ ހިދުމަތްތެރިންނަކީ ވަރުބަލިކަމެއް ނެތި އަހަރުގެ ކޮންމެ ދުވަހަކު 24 ގަޑިއިރު އިންސާނީ ގައުމީ ހިދުމަތުގައި ތިބޭ ބައެއްކަމުގައި ވީހިނދު، އެއްވެސް ކަހަލަ އަސާސެއް ނެތި މިފަރާތްތަކުގެ ގާބިލިއްޔަތާމެދު ރައްޔިތުންގެ ތެރޭގައި ސުވާލު އުފައްދައި، އިތުބާރު ގެއްލުވާލަން އެއްވެސް ފަރާތަކުން ކުރާ މަސައްކަތަކީ އަދި މުވައްޒަފުންނަށް މަލާމާތާއި ފުރައްސާރަކުރުމުގެ ގޮތުން ކުރާ އެއްވެސް އަމަލަކީ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ބަލައިގަންނާނެ ކަންކަމެއް ނޫން،" އައިޖީއެމްއެޗްގެ ބަޔާނުގައިވެއެވެ.

އޭގެ އިތުރުން އެފަދަ ހާލަތްތަކުގައި ކަމާބެހޭ ގާނޫނުތަކުގެ ދަށުން ހޮސްޕިޓަލަށާއި މުވައްޒަފުންނަށް ލިބިދެވޭ އިހުތިޔާރުތަކުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފަސް ނުޖެހޭނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އައިޖީއެމްއެޗުގެ ބަޔާނުގައި އިތުރަށް ބުނީ، އެ ހޮސްޕިޓަލުން ރައްޔިތުންނަށް ދޭ އެއްވެސް ހިދުމަތަކާމެދު ނުވަތަ މުވައްޒަފަކާމެދު ޝަކުވާއެއް އޮތްނަމަ ހޮސްޕިޓަލަށް ނުވަތަ ކަމާބެހޭ އެހެނިހެން މުވައްސަސާތަކަށް ހުށައަޅައިގެން ބެލޭނެ އިންތިޒާމު އޮންނާނެ ކަމަށެވެ.

އޭގެ އިތުރުން ހުއްދަ ހޯދުމެއް ނެތި އެއްވެސް މީހެއްގެ ފޮޓޯ ނަގައި އާންމު ނުކުރެވޭނެ ކަމަށާއި ހޮސްޕިޓަލްތަކުގެ ކޮންސަލްޓޭޝަން ރޫމްފަދަ ތަންތަނުގެ ފޮޓޯ ނެގުމަކީ ދުނިޔޭގެ ގިނަ ހޮސްޕިޓަލްތަކުގައި ވެސް މަނާ ކަމެއްކަމުން، އެފަދަ ތަންތަނުގެ ފޮޓޯ ނެގުމަކީ އެ ހޮސްޕިޓަލުގައި ވެސް މަނާކަމެއް ކަމަށް ބަޔާނުގައިވެއެވެ.