ޚަބަރު

ބައިނަލް އަގްވާމީ ގޮތުން ފާހަގަކުރާ "ތިންކިން ޑޭ" ރާއްޖޭގައި ވެސް މިއަދު ފާހަގަކޮށްފި

އަހުމަދު އައުފް އަބްދުލް ސަމަދު

ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ "ތިންކިން ޑޭ" ރާއްޖޭގައި ވެސް މިއަދު ފާހަގަކޮށްފިއެވެ.

ރެހެންދި ސްކޫލުގައި ބޭއްވި ހާއްސަ ހަރަކާތެއްގައި "ތިންކިން ޑޭ" ގެ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއެވެ.

"ތިންކިން ޑޭ" އަކީ ދުނިޔޭގެ ސްކައުޓް ހަރަކާތް "ފައުންޑާސް ޑޭ" އާއެކު ގާލް ގައިޑުން ފާހަގަކުރާ ދުވަހެކެވެ.

ވަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ގާލްގައިޑް އެސޯސިއޭޝަނުން ވިދާޅުވީ ތިންކިން ޑޭއާ ގުޅުވައިގެން މިފަހަރު ކުރިޔަށް ގެންދާ ހާއްސަ ހަރާކާތްތައް ކުރިޔަށް ގެންދަނީ ރެހެންދި ސްކޫލުގައި ކަމަށެވެ. އަދި މިދުވަހަށް ހާއްސަ ބެޖެއްގެ ހަރަކާތެއް ކުރިއަށް ގެންދާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. މި ބެޖަކީ އެދުވަސްވަރެއްގައި އަންހެންކުދީންނާއި މުޖުތަމައުގައި ހުރި ގޮންޖެހުން ތަކަށް އަމާޒުކޮށްގެން ތަރުތީބު ކުރެވޭ ހަރަކާތެކެވެ.

އެގޮތުން މިއަހަރުގެ ހަރަކާތް ކުރިއަށް ގެންދަނީ ބައިވެރިކުރުމާއި، ޑައިވާސިޓީ ގެ އިތުރުން ޓޮލަރެންސް އާ ގުޅުންހުރި ކަންތައްތަކާ ގުޅުވައިގެންނެވެ.

ތިންކިން ޑޭ ހަރަކާތުގައި މިއަހަރު ޖުމުލަ 170 ލީޑަރުން ބައިވެރި ވެއެވެ. އަދި 17 ސްކޫލަކުން 4،300 އެއްހާ ދަރިވަރުން މި އިވެންޓުގައި ބައިވެރި ވެއެވެ. މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް މި ހަރަކާތް ކުރިއަށްދާނެކަމަށް ގާލްގައިޑް އެސޯސިއޭޝަނުން ބުނެއެވެ.

ވޯލްޑް ތިންކިންގް ޑޭ ގެ މަގުސަދަކީ ބައިނަލްއަގުވާމީ އެކުވެރިކަން ފާހަގަކުރުމާއި، ފުރާވަރާއި ޒުވާން އުމުރުގެ އަންހެންކުދިންނަށް ދިމާވާ މައްސަލަތަކާ ބެހޭގޮތުން ވާހަކަދެއްކުމުގެ އިތުރުން ގާލްގައިޑް އަދި ގާލް ސްކައުޓު ހަރަކާތްތަކަށް ފަންޑްރެއިޒްކުރުމެވެ.

މިދުވަހަކީ 1926 ވަނަ އަހަރުން ފެށިގެން ގާލްގައިޑް އަދި ގާލް ސްކައުޓުގެ ހަރަކާތުގެ ތެރެއިން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.