ޚަބަރު

ޑރ. މުއިއްޒުގެ ހިދުމަތް އެމްޑީޕީންވެސް ބަލައިގަނޭ: ޑރ. ޖަމީލު

އަހުމަދު އައުފް އަބްދުލް ސަމަދު

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކޮށްދެއްވާފައިވާ ހިދުމަތްތައް އެމްޑީޕީންވެސް ބަލައިގަންނަ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށުމުގެ ގޮތުން އެމްޑީޕީން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އަށް ނިސްބަތް ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

ޑރ. ޖަމީލުގެ ޓުވީޓުގައި ވަނީ މުއިއްޒުގެ ހިދުމަތްތައް އެމްޑީޕީން ބަލައިގަންނަ ކަން އެނގެނީ މުޅި ޖަލްސާގެ އަމާޒުވެސް މުއިއްޒު އާއި ދިމާލަށް ހުރުމުން ކަމަށެވެ. އަދި މޭޔަރުގެ ގޮނޑި އިތުރަށް ވާދަވެރިވެއްޖެ ކަމަށް އެމްޑީޕީން އަމިއްލަ އަށް އިއުލާންކޮށްފައިވާ ކަމަށާއި މޭވާ އަޅާ ގަސް މިހާރު އެނގިއްޖެ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވިއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި މާލޭ ކައުންސިލު މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވަން ނިންމާފައި ވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.