ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)އިން ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އަށާއި އެމަނިކުފާނުގެ އިންތިހާބީ ބައިވެރިޔާ ފައިސަލް ނަސީމަށް މަރުހަބާ ދަންނަވައިފިއެވެ.
ލޭމްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސުލް ޖުމްހޫރިއްޔާ އިބޫއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ. އަދި އެ ފަރާތުން ގަބޫލުކުރައްވާ ގޮތުގައި އިބޫގެ ލީޑާޝިޕާއި ދުރުވިސްނޭ ތަސައްވަރާއެކު ރާއްޖެއަށް އިތުރު ފާގަތިކަމެއް ލިބިގެންދާނެ ކަމަށްވެސް ލޭމްގެ ބަޔާނުގައިވެއެވެ.
ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވާ ތަރައްގީ ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ލޭމްއަކީ 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ލިވްއަބޯޑުގެ ރާއްޖޭގެ އެސޯސިއޭޓް މެންބަރެކެވެ. ހާއްސަކޮށް ސަފާރީތަކަށް އެންމެ އެކަށޭނެ ވިޔަފާރި މާހައުލެއް ގާއިމްކޮށްދިނުމުގައި ލޭމްއަކީ ފާހަގަކޮށްލެވޭ ޖަމިއްޔާއެކެވެ.