ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓުގައި ވާދަކުރުމަށް 770 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވާކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ބުނެފިއެވެ.
ޕީޕީއެމްގެ ކެމްޕެއިން ލޯންޗުކުރުމާއި ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ސްޓިއަރިން ކޮމެޓީގެ ރައީސް މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް ޝަރުތު ހަމަވާ ކަމަށް ޕާޓީއަށް ފެންނަ ހުރިހައި ކެންޑިޑޭޓުންގެ ފޯމުތައް މިހާރު އިލެކްޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެ ބޭފުޅުންގެ ޝަރުތު ހަމަވާ ކަމަށް އަންގަމުން ގެންދަވާ ވަރަކަށް ކެންޑިޑޭޓުންނަށް އެކަން އަންގަމުން ގެންދާނެ ކަމަށް މުއާޒު ވިދާޅުވިއެވެ.
"މަގޭ ރާއްޖެ" ނަމުގައި ޕީޕީއެމްގެ ކެމްޕެއިން ލޯންޗުކުރުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ. ކެމްޕެއިން ލޯންޗުކުރުމަށް އަންނަ ހުކުރު ދުވަހުގެ ބާއްވާ ޖަލްސާ ބާއްވަނީ ކަނިވާ ސަރަހައްދުގައެވެ.