ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް "ވަން އޮންލައިން"ގެ ޓީމާއެކު މަސައްކަތްކުރާނެ ވޮލަންޓިއަރުން ހޯދަން އިއުލާންކޮށްފިއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ އެ ދެ އިންތިހާބަށް ބަހައްޓާ ވޯޓު ފޮށިތައް ކައިރީގައާއި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ ވޮލަންޓިއާ މޮނީޓަރުން ހޯދަން ވަން އިން އިއުލާންކޮށްފައިވަނީ މިއަދުއެވެ. މި ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
"ވަން"ގެ ޗެއާޕާސަން މިންހާ ފާއިޒް ރަޝާދު (މިންނު) ވިދާޅުވީ 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވަންގެ ޓީމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މި ތަޖުރިބާއަކީ ރަނގަޅު ތަޖުރިބާއަކަށް ވާނެ ކަމަށެވެ.
"މިއީ ވަރަށް ރަނގަޅު ފުރުސަތެއް. މި އިންތިހާބުގައި ވޮލަންޓިއާ މޮނީޓަރެއްގެ ގޮތުގައި ވަންގެ ޓީމާއެކު މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތަކަށް ކުރިއަށް އޮތް މިފަދަ ބޮޑެތި އިންތިހާބުތަކުން ވެސް ދާއިމީކޮށް މި ޓީމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ. އޭގެ އިތުރުން ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް ފުރުސަތު ތަނަވަސްގެންދާނެ،" މިންނު ވިދާޅުވިއެވެ.
ވޮލަންޓިއަރުންގެ މަސައްކަތަކަށް ވާނީ ވޯޓުލާ މަރުކަޒުތަކުގައި ހިނގާ ހަރަކާތްތަކުގެ ހަބަރާއި ފޮޓޯ އަދި ނަތީޖާގެ ވަގުތުގައި ނަތީޖާތައް ވަންއާ ހިއްސާ ކުރުމެވެ.
ވޮލަންޓިއާ މޮނީޓަރަކަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް، ވައިބާ ނުވަތަ ވަޓްސްއެފް އިން މައުލޫމާތު ފޮނުވުމަށް ވަންގެ މެނޭޖްމަންޓުން އެދެއެވެ. ޝައުގުވެރިވާ ފަރާތްތަކުން ފޮނުވަން ޖެހޭނީ އައިޑީ ކާޑުގެ ކޮޕީގެ ސޮޕްޓް ނުވަތަ އައިޑީ ކާޑުގެ ދެ ފުށުގެ ފޮޓޯއަކާއި، ޕާސްޕޯޓް ސައިޒް ސޮފްޓް ކޮޕީއެއް އަދި ގުޅޭނެ ނަންބަރެވެ.
އީމެއިލުން ފޮނުވާ ނަމަ، މައުލޫމާތު ފޮނުވަން ޖެހޭނީ [email protected] އަށެވެ. އަދި ވައިބާ ނުވަތަ ވަޓްސްއެފް އިން ފޮނުވާ ނަމަ، މައުލޫމާތު ފޮނުވަން ޖެހޭނީ ވަންގެ ހޮޓްލައިން ނަންބަރު 7943663 އަށެވެ.