ޚަބަރު

މިއަހަރުގެ ބަޖެޓުގައި ރާއްޖޭގެ އާބާދީގެ 50 އިންސައްތައާ ނުބައްދަލު ހަރަދު މާލެއަށް އެކަނި ކަނޑައަޅާފައިވޭ: ސައީދު

އަހުމަދު އައުފް އަބްދުލް ސަމަދު

މިއަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ރާއްޖޭގެ އާބާދީގެ 50 އިންސައްތައާ ނުބައްދަލު ހަރަދު މާލެއަށް އެކަނި ކަނޑައާޅާފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައިވަނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށުމުގެ ގޮތުން އެމްޑީޕީން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުންނެވެ. ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ތަރައްގީކުރުމުން މާލެއަށް ލިބުނީ ނިކަމެތިކަން ފެންނަން އޮތީ މާލެއިން ކަމަށާއި ތަރައްގީގެ މަޝްރޫއުތައް މަރުކަޒީ އުސޫލުން ހިންގުމުގެ ހިތި ނަތީޖާ އެންމެ ބޮޑަށް ފެންނަ އޮތީ މާލެއިން ކަމަށެވެ.

ރައީސްގެ ވާހަކަފުޅަށް ރައްދުދެއްވައި ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެއަށް އެކަނި ކަނޑައަޅާފައި ހަރަދުތައް ރާއްޖޭގެ ނުވަ އަތޮޅަށް ހިނގާނެ ހަރަދަށްވުރެ ވެސް ގިނަ ކަމަށެވެ.

މީގެ އިތުރުން ބަޔަކު ބުރިޖު އެޅީތީ އޭގެ ތިންގުނަ ބޮޑުކޮށްވެސް މިހާރު އެކަންކުރަން އެންމެ ރަނގަޅުތޯ، ސައީދު ވަނީ ސުވާލުކުރައްވައިފައެވެ. އަދި މިކަންކަމަށް ހަރަދުކުރާ ފައިސާއަކީ ކިތައް ރަށުގެ ނަރުދަމާއާއި ފެން އަދި މަގުތަކާއި ބަނދަރުތޯ ސައީދު އައްސަވާފައިވެއެވެ.

މިއަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި މާލެ ސަރަހައްދަށް 3.3 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިމަނާފައިވާ އިރު، އަތޮޅުތަކުގެ ތަރައްގީއަށް ހިމަނާފައިވަނީ 2.51 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ފަސްވަނަ ދުވަހުއެވެ.