ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުވާން އެދޭނަމަ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މެންބަރުންވެސް ވޯޓް ދޭންވީ އިދިކޮޅު ކެންޑިޑޭޓަށް ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމުން ކުރިމަތިލައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓްގައި ކުރިމަތިލައްވަނީ މުއިއްޒު ކަމަށް އިއުލާނު ކުރިފަހުން މިއީ އެކަމާ ގުޅޭގޮތުން އޭނާ ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ. އިދިކޮޅުން މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، އޭނާއަކީ މާލޭގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނެ ކެންޑިޑޭޓު ކަމަށާއި މާލެއަށް އެދެވޭ ހެޔޮ ބަދަލެއް އަންނަން ޖެހޭ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، ހައުސިން މިނިސްޓަރުކަމުގައި ހޭދަކުރެއްވި ހަތް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނާ ގާތުން މަސައްކަތް ކުރެވިފައިވާ ކަމަށެވެ.
"ކަން ދިމާކުރި ގޮތުން ވަރަށް ގިނަ ގޭގެޔަށް ޒިޔާރަތް ކުރުުމުގެ ފުރުސަތު ލިބުނު. ހަގީގަތުގައިވެސް އެތައް ސަތޭކަ ގެޔަކަށް އަޅުގަނޑަށް ޒިޔާރަތް ކުރެވިފައިވޭ. އެހެންވީމަ މާލޭގައި ރައްޔިތުންގެ ދިރިއުޅުން ވަނީ ވަރަށް ގާތުން ފެނިފައި. އެ ރައްޔިތުންގެ ދިރިއުޅުން ބަދަލުކުރުމަށްވެސް އެތައް މަސައްކަތްތަކެއް ވަނީ ކުރެވިފައި." މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މާލެއަށް އެދެވޭ ބަދަލެއް ގެނެވިއްޖެނަމަ އެއީ އެމްޑީޕީގެ މެންބަރުންނަށްވެސް ލިބޭނެ ހިތްހަަމަޖެހުމެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެމްޑީޕީއަށްވެސް އެންމެ ފައިދާ ބޮޑުވާނީ އޭނާ އެ މަގާމަށް އިންތިހާބު ކޮށްގެން ކަމަށެވެ.
"ޕާޓީ ލައިނުން ވިސްނުމަށްވުރެ މިފަހަރު މުހިންމީ، މި މާލޭގެ ކަންކަން ހައްލު ކުރެވޭނެ މީހަކު ހޮވުން. ހަގީގަތުގައި އެމްޑީޕީގެ މެންބަރުން ވިސްނާލަން ޖެހޭ ކަމަކީ އަޅުގަނޑު މި މަގާމަށް އިންތިހާބުކޮށްގެން މާލެއަށް އަންނަ ތަރައްގީއާއި ކުރިއެރުމުގެ ހަގީގީ ކްރެޑިޓް އަޅުގަނޑާ، ޕީޕީއެމަށްވުރެ މާ ބޮޑު ކްރެޑިޓެއް މި ސަރުކާރަށްވެސް ލިބޭނެ ކަން." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މާލެއަށް އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް ރައީސް ޔާމީންގެ ސަރުކާރުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.