ޚަބަރު

50 މީހުން ހިމެނޭ ރަށްރަށަށް ތަރައްގީ ހޯދައިދިނުމަށް މާލޭގެ ސިޔާސީވެރިން ދައްކަނީ ބޯދާ ވާހަކަތަކެއް: ނިޒާރު

ފަންސާސް މީހުން ބައިތިއްބައިގެން ރަށްރަށަށް ތަރައްގީ ހޯދައިދިނުމަށް މާލޭގެ ސިޔާސީވެރިން ދައްކާ ވާހަކަތަކަކީ ބޯދާ ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށުމަށް އައްޑޫ ސިޓީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ އަސާސީ މިންވަރު ނެތި، އަސާސީ މިންވަރަށް ސަލާން ޖަހައި އެއަށް ވަކާލާތުކުރާ، އެއަށް އާދޭސްކުރާ އެތައް ހާސް ރައްޔިތުންނެއް މި ރާއްޖޭގައި ތިބިކަމީ ގަބޫލުކުރާ ހަގީގަތެއް ކަމަށާއި އެކަންކަމުން އެއްފަރާތްވެ، އެކަންކަމާ ދުރަށް ދިއުމަށްޓަކައި ޕްލޭންތަކާއި ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ ކަމަށެވެ.

"50 މީހުން ބައިތިއްބައިގެން ރަށްރަށުގެ ތަރައްގީ ހޯދައިދިނުމަށް މާލޭގެ ސިޔާސީވެރިން ދައްކާ ވާހަކަތައް އެއީ ބޯދާ، އިހުޒަމާނުގެ މާ ބޯދާ ވާހަކަތަކެއް. އެ ވާހަކަދައްކައިގެން ރާއްޖެއަށް ތަރައްގީ ނާދެވޭނެ. 50 މީހުން ރަށްރަށުގައި ބައިތިއްބައިގެން އަޅުގަނޑުމެން ތަރައްގީ ހޯދައިދީފި ނަމަ، އެ ރަށްރަށުގައި ވިހާ ކުދިންގެ މުސްތަގުބަލަކީ ކޮބައިތޯ؟،" އޭނާ ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ރާގު ބަދަލުވާން އެބަޖެހޭ ކަމަށާއި ގާނޫނުތަކަށް ބަދަލު އަންނަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ބޭފުޅުންގެ ވާހަކަ ވެސް ބަދަލުވާން އެބަޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ބަދަލު ނައިހެއް ރައްޔިތުންނަކަށް ބަދަލެއް ނާންނާނެ. އަޅުގަނޑުމެން މީގައި ވިސްނަން ޖެހެނީ މާލޭގެ ރައްޔިތުންނަށް، ނޫނީ މާލޭގެ ސަރަހައްދުގެ ރައްޔިތުންނަށް އެއައި ބަދަލުތައް، އެ ތަޖުރިބާކުރަމުންދާ ބަދަލުތައް، އެ ފަސޭހަތައް އަޅުގަނޑުމެން މިތިބީ ބަލަންށޭ. އެކަންކަން އެހެން އޮތުމުން އެ ވާހަކަދެކެވޭނެ، އެ ހައްގު ލިބިގަތުމަށް،" އޭނާ ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ މާލޭގައި އެއްވެސް ސްޕެޝަލް އިފެކްޓެއް ނެތި އުފައްދާ ބިރުވެރި ފިލްމު އަތޮޅުތަކުގައި އަޅުވައިގެން ފައިސާ ލިބިދާނެކަމުގެ ވިސްނުން ތިބި ބަޔަކު ވެސް މި ރާއްޖޭގައި ތިބިކަން ވިސްނަން ޖެހޭ ކަމަށާއި އެކަމުން ވެސް މީހުންގެ ވިސްނުން ބަދަލުވާން ޖެހިއްޖެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"ކުޑަކުޑަ މިސާލަކުން އަޅުގަނޑު މިސާލު ނަގާއިރު، 1963 ވަނަ އަހަރު އޮލިމްޕަސް ސިނަމާގައި ރާޖް ކަޕޫރުގެ ސަންގަމް ފިލްމު އަޅުވައިގެން ބެއްލެވި ބޭފުޅުން މިއަދު 3ޑީ، 5ޑީ، 7ޑީ އަށް މާލޭގެ ހައިޓެކް ސިނަމާތަކުގައި ފިލްމު ބަލާއިރު އަޅުގަނޑުމެން މީގައި ވިސްނަން ޖެހެނީ މާލޭގައި އެއްވެސް ސްޕެޝަލް އިފެކްޓެއް ނެތި އުފައްދާ ބިރުވެރި ފިލްމު އަތޮޅުތަކުގައި އަޅުވައިގެން ލާރި ލިބިދާނެކަމުގެ ވިސްނުން ތިބި ބަޔަކު ވެސް މި ރާއްޖޭގައި ތިބިކަން. މި ކުޑަކުޑަ މިސާލުން މިސާލު ނަގާއިރުވެސް މީހުންގެ ވިސްނުން ބަދަލުވާން ޖެހިއްޖެކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ،" އޭނާ ވިދާޅުވިއެވެ.

ނިޒާރު އިތުރަށް ވިދާޅުވީ އަތޮޅުތަކުގެ ރައްޔިތުން ވެސް ތަރައްގީ ލިބިގަތުމަށް ދައްކާ ވާހަކައާއި އެމީހުން ބޭނުންވާ ކަންކަމުގެ ވާހަކައާއެކު އެމީހުން ކަންކަން ކުރާގޮތް ބަދަލުވާން އެބަޖެހޭ ކަމަށާއި ހަމައެކަނި އެއްގަމު ތޮއްޓަށް ޑިމާންޑުކޮށްގެން ތަރައްގީވާން ނެތްކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. އަދި އެހެން ވާހަކަތަކެއް އެހެން މޭރުމަކުން އެހެން ރާގަކަށް ދައްކަން އެބަޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.