އުމްރާނީ ތަރައްގީގެ ކުރިއަށްދާނީ ހަމައެކަނި އެމްޑީޕީގެ ސަރުކާރެއްގައި ނޫން ކަމަށާއި އެހެން ބަޔަކު ވެރިކަމުގައި ތިބިނަމަވެސް ދައުލަތުގެ އޭރެއްގެ އާމްދަނީ ހުރި މިންވަރަކުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕޭން ފެށުމުގެ ގޮތުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ރަށްވެހި ފަތިސް" ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ، ކޮންމެ ވެރިކަމެއް އޮތް ކަމުގައިވިޔަސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށެވެ.
"މި ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތް ދައުލަތުގެ އޭރުގެ އާމްދަނީ ހުރި މިންވަރަކުން ކުރިއަށްދާނެ. އެހެން ސަރުކާރެއް އޮތް ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާނެ.
ފެނާއި ނަރުދަމާގެ މަސައްކަތް. ކުނި ކޮށީގެ މަސައްކަތް. އެއްގަމު ތޮށި އެޅުން. ގިރާ ސަރަހައްދު ހިމާޔަތްކުރުން. މަގާއި ދަތުރުފަތުރު، ހޮސްޕިޓާތަކާއި މަދަރުސާތައް. ބޯޅަ ދަނޑުތަކާއި ކުޅިވަރު އެކުވެނިތައް، މި އެންމެހާ ކަންކަން ހިނގަމުންދާނެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރެއް އޮތް ނަމަވެސް އަދި އެހެން ސަރުކާރެއް އޮތް ނަމަވެސް މި ދިވެހިރާއްޖޭގެ ދައުލަތުގެ އާމްދަނީތަން ދިން މިންވަރަކުން އުމްރާނީ ތަރައްގީގެ މަސައްކަތް ކުރިއަށް ދާނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން ގާއިމުކޮށްފައިވާ ޓެކުހުގެ ނިޒާމުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރު ކުރެވިފައިވާ ކަމަށެވެ. އަދި އުމްރާނީ ތަރައްގީގެ ވައުދަކީ އާ ވައުދެއް ނޫން ކަމަށާއި އެމްޑީޕީން ވައުދުވަނީ ލާމަރުކަޒީ ނިޒާމު ފައްކާކުރުމަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މި ނިޒާމަކީ މުޅި ރާއްޖޭގެ ރައްޔިތުންގެ މުޅި ދިރިއުޅުން ބަދަލުކޮށްދޭނެ ނިޒާމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ތަރައްގީގެ މަސްރޫއުތައް ވެސް ކުރިއަށްގެންދެވޭނީ، އަދި ތައުލީމާއި ސިއްހީ ހިދުމަތް ވެސް ލިބޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށާއި އެ ނިޒާމަކީ ރައްޔިތުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"އަމަލު ކުރަމުން މިގެންދާ ގާނޫނު އަސާސީ އެކުލަވާލެވެމުން ދިޔައިރު ބާރުތައް އޮތް ޕާޓީއިން ބާރުތައް ދޫކޮށްލަން ދެކޮޅު ހަދަމުން ދިޔަ މަންޒަރު ފެނިގެން ދިޔަ. ވާދަވެރިން ވާހަކަދައްކަމުންގެންދިޔަ މުނާފިގު ގޮތް އެންމެނަށް ވެސް ފެނުނު. އެބޭފުޅުން ބާރުތައް ހިފަހައްޓަން އުޅުނު. ނަމަވެސް މި ރީނދޫ ލަޝްކަރު ކޮންމެ ދުވަހަކު ކަރަންޓް މުގުރަކަށް ކަރުނަގޭހަކުން ފަހަތަށް ނުޖެހި ކުރި މަސައްކަތުން ގާނޫނު އަސާސީގެ އަށްވަނަ ބާބު ލިޔެވުނީ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ކުރީ ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަލާކުކޮށްފައިވާ ކަމަށާއި ޕީޕީއެމަށް ކައުންސިލް އިންތިހާބުން ލިބޭނެ އެއްޗެއް ފެންނަން ނެތް ކަމަށެވެ. އަދި ކުރިއަށްއޮތް ކައުންސިލް އިންތިހާބު މިހާރު ވެސް އެމްޑީޕީއަށް ކާމިޔާބުވެއްޖެ ކަމަށް ނަޝީދު ވިދާޅުވިއެވެ.