އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ނުކުތީ މުޅިން އާ ކަމެއް ފައްޓާކަށް ނޫން ކަމަށާއި ނުކުމެ ތިބީ ލާމަރުކަޒީ ނިޒާމު ހިންގުމުން ނުކުންނާނެ ފުރިހަމަ އުފާވެރިކަން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ކަމަށް އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްޔާރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށުމަށް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަނަސް ވިދާޅުވީ އެމްޑީޕީން ކައުންސިލް އިންތިހާބަށް ނުކުމެ ތިބީ އެމްޑީޕީގެ ވެރިކަމެއްގައި ފަށާފައި އޮތް މަސައްކަތެއް ފުރިހަމަކުރުމަށް ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ނުކުމެ މިތިބީ މުޅިން އާ ކަމެއް ފައްޓާކަށް ނޫން. އެހެންނަމަވެސް އަޅުގަނޑުމެންގެ، އެމްޑީޕީގެ ވެރިކަމެއްގައި ފަށާފައި އޮތް މަސައްކަތެއް ފުރިހަމަކުރުމަށްޓަކައި. އަދި މި ދިވެހިރާއްޖޭގައި ލާމަރުކަޒީ ނިޒާމު ހިންގުމުން ނުކުންނާނެ ފުރިހަމަ އުފާވެރިކަން ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން އެމްޑީޕީން ކަށަވަރުކޮށްދިނުމަށްޓަކައި،" އޭނާ ވިދާޅުވިއެވެ.
އަނަސް ވިދާޅުވީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީއަކީ ދިވެހި ރައްޔިތުންގެ ބާރުވެރިކަން، ދިވެހި ރައްޔިތުންނަށް ހައްގުވާ މިންވަރު، ދިވެހި ރައްޔިތުންނަށް ލިބެންވީ މިންވަރު، މި ހުރިހާ ކަމެއް އެންމެ އެކަށީގެންވާ ގޮތެއްގައި ލިބިދެވޭނެ އަސާސްތަކުގެ މައްޗަށް އެކުލަވާލާފައިވާ ގާނޫނު އަސާސީއެއް ކަމަށެވެ.
"އޭގެ ތެރެއިން ވެސް ރައްޔިތުން ސީދާ ބާރުވެރިކަން އަބަދުވެސް ވެރިކަން ހިންގުމުގެ ނިޒާމުގައި ޝާމިލުވެ އޮތުމުގެ ބޭނުމަށް ގާނޫނު އަސާސީން ދިވެހި ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމު،" އޭނާ ވިދާޅުވިއެވެ.
އަނަސް ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަދަލުކުރުމާ ހަމައަށް އެ ޕާޓީން ދިވެހި ދައުލަތް ހިންގުމުގެ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުމާއި ރައްޔިތުންގެ ޝާމިލުކުރުން ހިމަނައިގެން ކުރި ހުރިހާ ކަމެއް ފަހުން އައި ހުރިހާ ސަރުކާރުތަކުން ދިޔައީ ބަދަލުކޮށް އިދިފުށަށް ޖަހަމުން ކަމަށާއި އެ ހުރިހާ ކަމެއް ރައްޔިތުންނަށް ކުރިމަތިކުރުވި އިރުވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބަދަލު ނާންނަ ކަމަށެވެ.