އަލީ ޔާމިން
އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ޑިމޮކްރެޓިކް އުސޫލުތައް ވަރުގަދަކޮށް، އިތުބާރު އުފައްދަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށުމަށް މާލޭ ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ކުރިއަށް ދިޔައިރު ރަނގަޅުކޮށް އިތުބާރު އުފައްދަން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ފާހަގަކުރެވުނު ކަމަށާއި ޕާޓީގެ ލީޑާޝިޕުން އެކަންކަން އިސްލާހު ކުރަމުން ގެންދާނެކަން ޔަގީން ކުރައްވާ ކަމަށެވެ.
"ނިމިދިޔަ އެތެރޭގެ އިންތިހާބުގައިވެސް އަޅުގަނޑަށް ފާހަގަވެގެން ދިޔައީ އަދިވެސް ޑިމޮކްރެޓިކް އުސޫލުތައް ވަރުގަދަކޮށް އިތުބާރު އުފައްދަން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ޕާޓީ އެތެރޭގައިވެސް ކުރަން ހުރިކަން. އަޅުގަނޑަށް ޔަގީން ޕާޓީގެ ލީޑަޝިޕުން އެކަންކަން އިސްލާހު ކުރައްވާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކައުންސިލްތަކުގެ އެންމެ މުހިންމު މަސައްކަތަކަށް ވާނީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގައި އެއްބާރުލުންދީ، މަޝްރޫއުތައް ހިނގަމުންދާ ގޮތް މޮނީޓާ ކުރުން ކަމަށެވެ.
"ކައުންސިލްތަކުގެ އެންމެ މުހިއްމު މަސައްކަތަކަށް ވާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ މޮނީޓާ ކުރުން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 އަށްވުރެ ގިނަ މަޝްރޫއު ހިންގުމަށް ވަނީ ނިންމާފައި. ސެންޓްރަލައިޒްކޮށްގެން މިފަދަ މަޝްރޫއުތައް ހިންގުމަކީ ނާދިރު ކަމެއް. ކައުންސިލްތަކަށް ދިން އިހްތިޔާރާއެކު މިފަދަ މަޝްރޫއުތައް ހިންގުމުގެ އިހުތިޔާރު ވަނީ ކައުންސިލުތަކަށް ދެވިފައި. އެހެންކަމުން ސަރުކާރާ ގުޅިގެން މި މަޝްރޫއުތައް ހިންގާނެ ކައުންސިލުތަކެއް އިންތިހާބު ކުރަން އެބަޖެހޭ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން މަރުކަޒީކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ހިތި ނަތީޖާ ފެންނަން އޮތީ މާލެ އިން ކަމަށެވެ. އެގޮތުން މާލެ ތޮއްޖެހި އިޖުތިމާއީ އެތައް މައްސަލަތަކެއް ދިމާވެފައި ވާއިރު އެކަމަށް އޮތް ހައްލަކީވެސް ލާމަރުކަޒީ ނިޒާމު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕްރައިމަރީއަށް ފަހު މިއީ އަނެއްކާވެސް ހުރިހާ މެމްބަރުން އެކަތިގަނޑަކަށްވެ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރަންވީ ވަގުތު ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަކީ ހަމައެކަނި އެމްޑީޕީ މެންބަރުން ދަންނަ ނިޒާމެއް ކަމަށާއި އެ ނިޒާމު ތަންފީޒު ކުރެވޭނީ އެމްޑީޕީގެ މެމްބަރުންނަށް ވޯޓު ލައިގެން ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ޑިމޮކްރެޓިކް އުސޫލުތައް ވަރުގަދަކުރަން ޖެހޭ ކަމުގައި ރައީސް ވިދާޅުވެފައިވާ އިރު، ޖެނުއަރީ 31 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، ބައެއް ދާއިރާތަކުގެ ވޯޓުލުން އަލުން ބާއްވައިފައެވެ. އަދި އެ އިންތިހާބުގެ އިންތިޒާމީ ކަންކަން ހުރި ގޮތުން އެމްޑީޕީ ގިނަ މެންބަރުން ފާޑުކިޔުން ވެސް އަމާޒުވިއެވެ.