ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހުއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު އިންޑިއާގެ ނިއުދިއްލީގައި ހުންނަ އެގައުމުގެ ދާހިލީ ވުޒާރާގައެވެ.
ހޯމް މިނިސްޓްރީން ބުނީ އިންޑިއާގެ ހޯމް މިނިސްޓަރުގެ ރަސްމީ ދައުވަތަކަށް އިންޑިއާއަށް އިމްރާން ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ބޭއްވި މި ބައްދަލުކުރެއްވުމުގައި ފުލުހުންގެ ހިދުމަތް ތަރައްގީކުރުމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ގާއިމުކުރެވޭނެ އިތުރު ދާއިރާތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވެސް ބައިވެރިވެވަޑައިގެންނެވި މަޝްވަރާތަކުގައި ދެގައުމުގެ ދާހިލީ ވުޒާރާ ގުޅިގެން ކުރެވޭ މަސައްކަތްތަކާއި، އެހީތެރިން ބަދަލުކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށެވެ.
އެގޮތުން ދެ ގައުމުގެ ދާހިލީ ސަލާމަތާއި ހަމަޖެހުމަށްޓަކައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމުގެ މުހިންމުކަން ފާހަގަކޮށް އެކަމަށްޓަކައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ވަކިން ހާއްސަކޮށް ޓެރެރިޒަމާއި ހަރުކަށި ފިކުރުގެ ސަބަބުން ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި އެކަމާ މެދު ދެގައުމުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މިނިސްޓަރު އިމްރާން އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ނެޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރު އަތުލް ކަރްވާލްއާ ބައްދަލުކުރައްވައި އެހީތެރިކަން ދެވޭނެ ދާއިރާތަކާ ގުޅޭގޮތުންނާއި، ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކުން މަޝްވަރާކުރައްވާފައިވެއެވެ. އަދި އިންޑިއާގެ ގުޖުރާތު ފޮރެންސިކް ސައިންސް ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވައި އެތަނުގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޖޭއެމް ވިޔަސްއާ ބައްދަލުކުރައްވައި އެހީތެރިކަން ހޯދޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރު ޢިމްރާން މިއަދު ވަނީ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އިސް އޮފިޝަލުންނާއެކުވެސް މަޝްވަރާތައް ކުރިއަށްގެންދަވައިފައެވެ. މި ބައްދަލުވުމުގައި ގުޅިގެން މަސައްކަތްކޮށް ނަތީޖާ ނެރެވޭނެ ވިސްނުންތަކާއެކު މަޝްވަރާތައް ކުރިއަށްގެންދެވިއެވެ.
މީގެ އިތުރުން ނިއުދިއްލީގައި ހުންނަ އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް ޝުރީ ވައިސީ މޯޑީއާ ވެސް މިނިސްޓަރު އިމްރާން ވަނީ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި ގުޅިގެން މަސައްކަތްކުރުމާއި، އިންވެސްޓިގޭޝަންތަކުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރު އިމްރާން ދަތުރު ނިންމާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ.